ރައީސުލްޖުމްހޫރިއްޔާ އަލްއުތާޒް މައުމޫން މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މި އަތޮޅު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް އެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ބައްލަވާލައްވައިފި އެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަށް ވެސް ރޭ ވަކިވަކިން ވަޑައިގެން އެ ރަށްރަށުން އެމަނިކުފާނާ ބައްދަލުކުރަން ގޮސް ތިބި ގިނަ ބަޔަކާ ސަލާންކުރައްވައި ހާލު އަހުވާލު އޮޅުން ފިލުއްވި އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާ މުހާތަބު ކުރައްވައި ކުރު ވާހަކަފުޅެއް ދައްކަވާލެއްވި އެވެ.
ރައީސް މައުމޫން ރޭ 00: 9 ގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ މަރަދޫ އަށެވެ. އެ ރަށަށް ރައީސް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަތީބު މުހައްމަދު ދީދީ ވިދާޅުވީ އެ މަރަދޫގެ ބިންފުރި، ގޯތި ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެހެންވެ އެކަމާ މެދު ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި މަރަދޫގެ ބިމުގެެ މައްސަލަ ރައްޔިތުން ފަރާތުން ރައީސަށް އެރުއްވި އެވެ. އޭގެ އިތުރުން މަރަދޫފޭދޫގެ ބަނދަރު ހައްދަވާއިރު، ރައްޔިތުންގެ ބޭނުންތަކަށް ފުދޭ ގޮތަށް އެތަން ހެދުމަކީ ރައްޔިތުންނަށޢް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ވެސް މަރަދޫ ކަތީބު ވިދާޅުވި އެވެ.
އެއަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ބިމުގެ ދަތިކަމަކީ މުޅި ގައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މަރަދޫއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ވިސްނާ ވަޑައިގެން، އެކަމަށް ހައްދަވާ ދެއްވެން އޮތް އެންމެ ރަނގަޅު ގޮތެއް ހައްދަވައި ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މަރަދޫގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމާއި ރަށުގެ ސިއްހީ މަރުކަޒަށް ބައެއް އިތުރު ކުރުމުގެ މަސައްކަތް މި އަހަރު ކުރައްވާނެ ކަމަށެވެ.
މަރަދޫގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ދެން ވަޑައިގެންނެވީ މަރަދޫފޭދޫ އަށެވެ. މަރަދޫފޭދޫއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަވަމުން، ކަތީބު އަލީ ނިޒާރު ވަނީ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ނަންގަވައިފަ އެވެ. އޭނާ ވިދާޅުވީ ބިމުގެ މައްސަލައާ ގުޅިގެން ރަށުގެ މަރަދޫފޭދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައިވާ ކަމަށާއި ގޯތި ނުދެވޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
ރޭގެ މި ބައްދަލުވުންތަކުގައި ރައީސް އެންމެ ފަހުން ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަވަމުން ފޭދޫގެ ކަތީބު ހަސަން ލަތީފު އަލީ ވެސް ވަނީ ބިމުގެ ދަތިކަމުގެ މައްސަލަ ރައީސަށް އަރުވައިފަ އެވެ. އޭނާ ވިދާޅުވީ ރަށުގެ ބިން ފުރި، ގޯތި ދެވޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ އެކަން ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށެވެ. އޭގެ އިތުރުން ނަރުދަމާގެ ނިޒާމަކާއި ސާފު ބޯފެން ލިބުމުގެ އިންތިޒާމް ހަމަޖެހެން ބޭނުންވާ ކަމަށް ފޭދޫގެ ކަތީބު ވިދާޅުވި އެވެ.
ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރަށުގެ ސިއްހީ މަރުކަޒަށް އިތުރު ބައެއް ހެދުމަށާއި ސްކޫލުގައި ރަނގަޅު ފެންވަރެއްގެ ހޯލެއް ހެދުމުގެ މަސައްކަތް ވެސް މި އަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ރައީސް ރޭ ވަޑައިގަތުމުން އެ ރަށްރަށުގެ ބައެއް ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
މި ބައްދަލުކުރެއްވުންތައް ކުރިއަށް ދިޔައިރު، ލިންކް ލިންކް ރޯޑްގައި ބައެއް މީހުން ރައީސް މައުމޫނުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ޝުއޫރު ފާޅުކުރަމުން ގެންދިޔަ އެވެ. އެގޮތުން ފޭދޫގައި ހުންނަ އެމްޑީޕީ އޮފީހުގެ ކުރިމަތީގައި ތިބި ބަޔަކު ވަނީ އެ ސަރަހައްދުން ރައީސް ކާރުކޮޅުގައި ވަޑައިގެންނެވި ވަގުތު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށްފަ އެވެ. އަދި ރައީސް އެހެން ވަޑައިގަތުމުގެ ކުރިން ބައެއް މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގައި، ނުކިޔަމަންތެރިކަން ދެއްކި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގި ބައެއް މީހުން ފުލުހުންނާ ދިމާލަށް ގާ އުކައި ހެދި އެވެ. އެގޮތުން ފުލުހުންގެ ވެހިކަލެއްގެ ވިންޑް ސްކްރީންގައި ގަލަކުން ޖެހުމުން، އޭގައި ހުރި ފުލުހެއްގެ ލޯ ކައިރި ޒަހަމްވެގެން ސިއްހީ މަރުކަޒަށް ގެންދިޔަތަން ވެސް ފެނިފައި ވެ އެވެ. އޭގެ އިތުރުން މަރަދޫ ސްކޫލްގައި ރައީސް، ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް، ސްކޫލުން ބޭރުގައި ތިބި ބަޔަކު ވެސް ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށްފަ އެވެ.
އަދި އެމްޑީޕީ އަށާއި ޑީއާރުޕީއަޢށް ތާއީދުކުރާ މީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޒުވާބުތަކެއް ކުރިއަށް ދިޔަތަން ވެސް ފެނުނެވެ.
މި ބައްދަލުވުންތައް ކުރިއަށްދިޔައިރު، ފުލުހުންނާއި ސިފައިން ގެންދިޔައީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ލިންކް ރޯޑް ހިމެނޭ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓައި ފޯރި މަރަމުންނެވެ. ޝީލްޑާއި މުގުރުބުރި ހިފައިގެން ތިބި ފުލުހުންނާއި ސިފައިން ވަނީ ލިންކް ރޯޑް ސަރަހައްދު ވެސް ވަކި އިރެއް ވަންދެން ބަންދުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް މައުމޫން އައްޑު އާއި ޏ. ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ސ. ހުޅުމީދޫ އަށް ވަޑައިގަންނަވާނެ އެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ރައީސް މައުމޫން ރޭ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ