ދިވެހި އިންޝުއަރެންސްއިން ބައިނަލްއަގުވާމީ ޕޮލިސީއެއް ނެރެ ބޭރުން ފަރުވާ ހޯދަން ބޮޑު ލުޔެއް ގެނެސްދީފި

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސިއްހީ ފަރުވާގެ ހިދުމަތް ހޯދޭނެ ފުރުސަތު ފަހިކޮށްދޭ "ގްލޯބަލް ހެލްތު އިންޝުއަރެންސް" ޕޮލިސީއެއް ދިވެހި އިންޝުއަރެންސްއިން ތައާރަފްކޮށްފި އެވެ.
މިއީ ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ބޭރުގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ސިއްހީ ބޮޑެތި ހަރަދުތަކުން ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕޮލިސީއެކެވެ.
މި އިންޝުއަރެންސްގެ ދަށުން ކަވަރޭޖް ލިބޭ ސަރަހައްދުތައް މައިގަނޑު ތިން ބަޔަކަށް ބަހާލެވިފައިވެއެވެ. އޭގެ ތެރޭގައި އުތުރު އެމެރިކާގައި މެދުނުކެނޑި އެންމެ ގިނަވެގެން 3 މަސްދުވަހު ހުރެވޭ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭ "އޭރިއާ 1" އާއި، އުތުރު އެމެރިކާ (ޔޫއެސްއޭ، ކެނެޑާ އަދި ކެރީބިއަން) ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމެއް ހިމެނޭ "އޭރިއާ 2" ގެ އިތުރުން، އުތުރު އެމެރިކާގެ އިތުރުން ސްވިޒަލޭންޑް، ރަޝިޔާ، ޔޫކޭ، ޗައިނާ، ހޮންކޮންގް އަދި ސިންގަޕޫރު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަކުން ފަރުވާ ލިބޭ "އޭރިއާ 3" ހިމެނެއެވެ.
އިންޝުއަރެންސްގައި ބައިވެރިވެވޭނެ އުމުރުފުރާ
މި ޕޮލިސީގައި އަލަށް ބައިވެރިވެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި މިހާރު ޕޮލިސީ ނަގާފައިވާ ފަރާތްތަކަށް އުމުރުން 74 އަހަރާ ހަމައަށް ޕޮލިސީ އާކުރެވޭނެ އެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންނަށާއި، ކިޔަވާ ކުދިން ނަމަ 24 އަހަރާ ހަމައަށް މި ކަވަރޭޖްގެ ފައިދާ ލިބޭނެއެވެ.
މައިގަނޑު ފައިދާތައް
މި ޕޮލިސީގެ ދަށުން ސިއްހީ ފަރުވާގެ މައިގަނޑު ހުރިހާ ހަރަދެއް ބަލަހައްޓައިދެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންދޭ ފަރުވާ (އޮޕަރޭޝަން ތިއޭޓަރު، އައިސީޔޫ އަދި ޑައިގްނޯސްޓިކް ޓެސްޓްތައް) އާއި، އެޑްމިޓް ނުކޮށް ދައްކާ އޯޕީޑީ ހިދުމަތްތަކާއި ސްޕެޝަލިސްޓުންގެ ފީ އަދި ބޭހުގެ ހަރަދު ހިމެނެއެވެ.
މި ޕޮލިސީގެ ހުރިހާ ޕްލޭންތަކެއްގައިވެސް ކުއްލި ހާލަތްތަކުގައި މީހުން ސަލާމަތްކުރުމަށާއި އެހެން ތަނަކަށް ބަދަލުކުރުމަށް (އިމަޖެންސީ އިވެކުއޭޝަން) އެއް މިލިއަން ޔޫއެސް ޑޮލަރާ ހަމައަށް ހަރަދު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ކޮވިޑް-19 އާ ގުޅޭ ޓެސްޓުތަކާއި ފަރުވާގެ ހަރަދުތައްވެސް ޕްލޭނުގެ ލިމިޓްތަކާ އެއްގޮތަށް ލިބިގެންދާނެއެވެ. ހާއްސަ ހިދުމަތްތަކަށް ބަލާއިރު، ޕްރައިމް، ޕްލަސް އަދި އެކްސެލެންސް ޕްލޭންތަކުގައި ދަތުގެ ފަރުވާ ހިމަނާފައިވާއިރު، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ހަރަދުތައް ހަމަޖައްސައިދެނީ އެންމެ މަތީ ތަރުތީބުގެ "އެކްސެލެންސް" ޕްލޭނުންނެވެ.
ހިޔާރުކުރެވޭނެ ޕްލޭންތައް
ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް އަހަރީ ލިމިޓްތައް ތަފާތު 4 ޕްލޭނެއް ވަނީ ހުށަހަޅާފައެވެ. އެއީ:
1. ކޯ: އަހަރީ ލިމިޓް - 100,000 ޑޮލަރު
2. ޕްލަސް: އަހަރީ ލިމިޓް - އެއް މިލިއަން ޑޮލަރު
3. ޕްރައިމް: އަހަރީ ލިމިޓް - ދެ މިލިއަން ޑޮލަރު
4. އެކްސެލެންސް: އަހަރީ ލިމިޓް - 3 މިލިއަން ޑޮލަރު 
މި އިންޝުއަރެންސް ޕޮލިސީއަކީ ބޭރު ގައުމުތަކުން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔަކާއި ރައްކާތެރިކަމެއް ގެނެސްދޭނެ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ