ތާޒާކަމާއެކު ދުވަސް ފަށަން ހައްލުތަކެއް

ހެނދުނު ހޭލާއިރު ވަރުބަލިކަމާއި ކަންނެތްކަން އިހުސާސްވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ރޭގަނޑު ހަމަނިދި ލިބުނު ކަމުގައިވިޔަސް، ހޭލާ ގަޑީގައި ތާޒާކަން ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ބަރޯސާވަނީ ކޮފީއަށެވެ. ނަމަވެސް މާގިނައިން ކެފޭއިން ބޭނުންކުރުމަކީ ހާސްކަން އިތުރުވެ، ސިއްހީ އެހެން މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، ހެނދުނު ތާޒާކަމާއެކު ހޭލުމަށްޓަކައި އާދަކާދަތަކަށް ބަދަލުތަކެއް ގެނައުމަކީ ކޮފީއަށްވުރެ މާ ފައިދާހުރި ގޮތެކެވެ.
ހެނދުނު ހޭލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެލާމްގެ "ސްނޫޒް" ފިތަށް ނުފިތުމެވެ. ދިރާސާތަކުން ދައްކާގޮތުގައި އެލާމް ކެނޑުމަށްފަހު އިތުރު ކުޑަވަގުތުކޮޅަކު ނިދުމަކީ ނިދީގެ ފެންވަރު ދަށްކޮށްދީ، މުޅި ދުވަހުގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. އޭގެ ބަދަލުގައި އެލާމް ވުމާއެކު އެނދުން ތެދުވުމަކީ ހަށިގަނޑަށް މާ ފައިދާހުރި ގޮތެކެވެ. ހޭލުމަށްފަހު ވަގުތުން ފެން ބޯން ފެށުމަކީވެސް މުހިންމު ކަމެކެވެ. ހަށިގަނޑުން ފެން މަދުވުމަކީ ވަރުބަލިކަން އިހުސާސްވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން ހެނދުނު ހޭލައިގެން ބޯ ފެންތަށީގެ ސަބަބުން ސިކުނޑި ހޭލައްވާލައި، ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދެ އެވެ.
ހަށިގަނޑުގެ ލޭގެ ދައުރުވުން ރަނގަޅުކުރުމަށްޓަކައި ހެނދުނު ކުޑަ ވަގުތުކޮޅަކު ކަސްރަތުކުރުން ނުވަތަ ޔޯގާގެ ހަރަކާތްތަކެއް ކުރުން މުހިންމެވެ. މީގެ ސަބަބުން ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން ލިބި، ދުވަސް ފެށުމަށް ބޭނުންވާ ހަކަތަ ލިބިގެންދެއެވެ. މީގެ އިތުރުން ފިނި ފެނުން ފެންވެރުމަކީވެސް ހަށިގަނޑުގެ ހޫނުމިނަށް ބަދަލު ގެނެސް، ވަގުތުން ހޭލައްވާލާނެ ކަމެކެވެ. ހެނދުނުގެ ނާސްތާއަކީވެސް ދުވަހުގެ ހަކަތަ ހޯދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނާސްތާގައި ހަކުރު ގިނަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ގޮދަނާއި، މޭވާއާއި، އަދި ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ވަރުބަލިކަން ކުޑަކޮށްދެ އެވެ.
އިރުގެ އަލި ބޭނުންކުރުމަކީވެސް ހެނދުނު ހޭލުމަށް އެހީތެރިވެދޭ ކަމެކެވެ. އިރުގެ އަލީގެ ސަބަބުން ހަށިގަނޑުގެ ސެރަޓޯނިން މިންވަރު އިތުރުވެ، ނިދުމުގެ ނިޒާމު ތަރުތީބުކޮށްދެ އެވެ. ހަމައެއާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. ދާއިމީކޮށް ހެނދުނު ހޭލަން އުނދަގޫވާނަމަ، އެއީ ހާސްކަމުގެ ނުވަތަ ކަންބޮޑުވުމުގެ އަލާމާތަކަށް ވެދާނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ހޭލުމާއި، ނިދުމުގެ ކުރިން ފޯނާއި ޓީވީ ފަދަ ތަކެއްޗާ ދުރުވުމަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި ހަމަޔަކަށް އަޅުވައިދޭނެ ކަންކަމެވެ. މިފަދަ ކުދިކުދި ބަދަލުތަކުން ހެނދުނުގެ ވަގުތުތަކަކީ އުފާވެރި އަދި ހަކަތައިން ފުރިގެންވާ ވަގުތުތަކަކަށް ހެދިދާނެ އެވެ.
މައުލޫމާތު: ހެލްތުލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ