"ނިޝާނުން ވެސް އެނގޭނެ ނިފާގު ބަލި ހުރިނަމަ ވަމުންދާގޮތް"

އެކި މީހުންގެ ކިބައިގައި، ހާއްސަކޮށް ސިޔާސީންގެ
ކިބައިގައި ހުންނަ ބޮޑެތި ބަލިތަކުގެ ތެރެއިން ދެނެގަންނާން އެންމެ ފަސޭހަ
ބައްޔަކީ ނިފާގުކަމުގެ ބައްޔެވެ. އެބަލި ހުރި މީހާގެ އިގުރާރެއް އެކަމުގައި ބޭނުން
ނުވެ އެވެ. އޭނާގެ ކިބައިން ފެންނަ ނިޝާންތަކުން އެ ބަލީގެ އަސަރު މާ ދުރަށް
ފާޅުވާނެ އެވެ. މި ވާހަކަ ދޮހޮއްކޮބެގެ އަޑުން އިވިއިވި އަޅުގަނޑުމެން އެންމެން
ވެސް މިތިބީ އެ ވާހަކަ ގަބޫލުކޮށްގެންނެވެ. ނުވަނީ ތަހުލީލެއް ކޮށްލާނޭ
އަވައްޖެކެވެ.
މީގެ ދެ އަހަރު ކުރިން، ދިވެހިރާއްޖޭގެ ސަރުކާރުން
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓު އަގުބޮޑު ކޮށްލި އެވެ. އެއަށް
ދެވިހިފައިފައި ތިބި މީހުން ރުޅި ގަދަވެގެން ގޮވިހައި އެއްޗަކަށް ސަރުކާރުން ދިނީ
ބީރު ކަންފަތެކެވެ. ދުންފަތާއި ސިނގިރޭޓުގެ އެކި ބާވަތްތަކުގެ އަގުބޮޑުކޮށް، ވޭޕް
ވެސް މަނާކޮށްލީ އެވެ. އެކަމުގައި އެކަށީގެންވާ ދިރާސާއެއް ހެދިތޯ، ގައުމުތަކުގެ
ތަޖުރިބާއަށް ބެލިތޯ، ވަގުފާރީގެ ސަބަބުން ކަޅު ބާޒާރެއް އުފަންވެދާނޭ ކަމުގެ މައްޗަށް
ވިސްނިތޯ ކުރި ސުވާލުތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އެ ސުވާލުތަކުގެ
ޖަވާބުގައި ރައީސް ވިދާޅުވީ، ސަރުކާރުން މިކަން މިކުރަނީ ރައްޔިތުން މި ވަބާއިން
ސަލާމަތްވުމަށް އެހީތެރިވުމަށް ކަމަށެވެ. -- އެމެރިކާގެ ކުރީގެ ރައީސް، ރޭގަން
ވިދާޅުވެފައި އޮތް މަޝްހޫރު ވާހަކައެއް އޮވެ އެވެ. އިނގިރޭސި ބަހުން ބުނެވޭނޭ
އެންމެ އެންމެ ބިރުވެރި ނުވަ ލަފުޒަކީ 'އަހަރެން މިއައީ ސަރުކާރުގެ ފަރާތުންނެވެ. އަދި
އަހަރެން މިއައީ ކަލޭމެންނަށް އެހީތެރިވެދޭށެވެ."
ސިނގިރޭޓުގެ އަގުބޮޑު ކުރުމަށް ރައީސް މުއިއްޒު
ކުރެއްވީ ވަރަށް ވަރުދަގަ ޖިހާދެކެވެ. އެކަމުގައި މޫނަކަށް ކަނދުރާއަކަށް
ނުބައްލަވަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ތިބީ ވެސް އެ ވަބާގައި ޖެހިފައި ތިބި
ބަޔަކަށް ވިޔަސް، އެމީހުން ހިތްމަރާލީ، އެމީހުންނަށް ފަހިވެފައި އޮތް އެއަށް ވުރެ
ބޮޑު ވަބާއަކަށް ތަން ދެމުންނެވެ. ބާރުގެ ވަބާ އެވެ.
ރައްޔިތުންގެ ނުރުހުމުގައި ރައީސް އެ ގެންނެވި 'ހެޔޮ
ބަދަލަށް' ރައްޔިތުން މިހާރު ހޭނިއްޖެ އެވެ. އެ ބަދަލު ގެންނެވިއިރު، ރާއްޖޭގައި
ދުންފަތުގެ އިސްތިއުމާލުކުރަނީ ކިހައި ބައެއްތޯ ބަލަން ދިރާސާއެއް ނުހަދަ އެވެ. ސިނގިރޭޓު
ބޯ މީހުން އެއަށް ދެވިހިފައިފައިވާ މިންވަރު ދެނެގަނެ، ގިންތި ކުރުމުގެ މަސައްކަތެއް
ވެސް ނުހިނގަ އެވެ. ބޭނުންފުޅުވީ ރައީސް އަމީންދީދީއަށް ފަހުގައި އެއްވެސް
ވެރިޔަކަށް ކުރާން ނުކުރެނު ވަރުގެ ބޮޑު ކަމެއް ކޮށްލާށެވެ. އެކަމާ ކިތަންމެ
ނުރުހުނު ނަމަވެސް، މިއީ ކެރޭ ރައީސެއްކަމަށް ލައްކަ ބަޔަކު ހީކުޅަ އެވެ. އެއްކޮޅު
މީހުން އެކަމަށް ތައުރީފު ކުރަމުން ދިޔައިރު، ދެކޮޅު މީހުންނަށް އެކަމުގައި
އިދިކީލި ހަދާކަށް ނުކެރުނެވެ. ރާއްޖޭގެ ރައްޔިތުންގެ އަގުލަބިއްޔަތާ ދެކޮޅަށް
އެވަރުގެ ނިންމުމެއް ނިންމާން ކެރޭނީ ގައިމު ފިސާރި އަޒުމެއް ހުރި މީހަކަށްވީތީތާއޭ
ހީކޮށްގެން އަޅުގަނޑުމެން ތިބީމެވެ.
އޭގެ އެންމެ ދެ އަހަރު ފަހުން، މިހާރު އެ ޖެއްސެވީ
އުނބަށެވެ. ސިނގިރޭޓު އަގުބޮޑު ކުރި ރައީސް، އޭނާގެ ބަސްއަހާ މެންބަރުން ތިބި
މަޖިލީހަށް ހުށަހަޅައިގެން، ހަމަ އެ މެންބަރުން ލައްވައި ސިނގިރޭޓުގެ އަގު ހެޔޮ
ކުރުވަނީ އެވެ. ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟ ސިނގިރެޓަކީ އޭރު ހީކުރެވުނު ވަރަށް
ގެއްލުން ނުވާ އެއްޗެއް ކަމަށް ދިރާސާއަކުން ދެއްކީތޯ އެވެ؟ ނިކޮޓިންއަކީ ދެވި
ހިފާ މާއްދާއެއް ނޫންކަމަށް ސައިންސްވެރިންގެ ބަޔަކު ބުނީހެއްޔެވެ؟ ދުންފަތުގެ
އިސްތިއުމާލު ކުރުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް
މަގުފަހިވާ ކަމެއް ނޫން ކަމަށް މެޑިކަލް ސައިންސުން ހޯދީ ހެއްޔެވެ؟ ޖަވާބަކީ
މިއިން އެއްވެސް ކަމަކަށް ބަދަލެއް ނާދެ އެވެ. މީގެ ދެ އަހަރު ކުރިން އެއިން
ސިނގިރޭޓަކުން ލިބުނު ގެއްލުން ހަމަ މިހާރު ވެސް ލިބޭނެ އެވެ. މި އައި ބަދަލެއްގެ
ސަބަބެއް ހިލާ ސާފުވާ ގޮތެއް ނުވި އެވެ.
ޓެކްސް ބޮޑުކުރީ ކީއްވެގެންކަން ސަރުކާރުން ވަރަށް
ސާފުކޮށް ކިޔައިދިނެވެ. ބޮޑުކުރި ޓެކްސްގެ ސަބަބުން ސިނގިރޭޓުގެ އަގު އެތައް
ތަނަކުން ބޮޑު ކުރުމަކީ ސަރުކާރުގެ އަމާޒެވެ. ބޭނުމަކީ، ސިނގިރޭޓު ބުއިމަކީ
އާދައިގެ މުސާރައެއް ލިބޭ މީހަކަށް ކުރުން ދަތި ކަމަކަށް ހެދުމެވެ. ކުރިން
ހާހެއްހައި ރުފިޔާ ސިނގިރޭޓަށް ހަރަދު ކުރާ މީހާއަށް، ހަމަ އެވަރަށް ސިނގިރޭޓު ބޯން
ހަތަރުހާސް ރުފިޔާ ހަރަދުކުރާންވީމާ އޭނާ އެކަމާ ދުރުވާނެ އެވެ. މިއީ ސަރުކާރުގެ
ބޭނުންކަމަށް ރައީސާއި، ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުން ވެސް ކިތަންމެ
ފަހަރަކު ވިދާޅުވި އެވެ. އެއީ ހަމަ ހެޔޮ ވާހަކަ އެކެވެ. ކިތަންމެ ދެވި ހިފާފައި
ހުރި މީހާ ވެސް އެހައި ބައިވަރު ފައިސާ އަތުން ހަރަދު ކުރަންޖެހޭނަމަ އެކަމާމެދަށް
ވިސްނާނެ އެވެ. ހުއްޓާލާނެ އެވެ. ނުވަތަ އެ ނޫން ގޮތެއް ހޯދާނެ އެވެ.
ދިވެހިރާއްޖޭގެ ރައްޔިތުން ހޯދީ އެ ނޫން ގޮތެކެވެ.
'ނޫން ގޮތެއް' ހޯދުމަކީ ދިވެހިން ނިކަން ފަރިތަ ވެސް ކަމެކެވެ. ވަކިން ވިއްކާ
ދުންފަތާއި އެއަށް ބޭނުންވާ އާލާތްތައް ހޯދައިގެން އޮޅައިގެން ބޯން ފެށީ މި ބޮވެނީ
ކޮން އެއްޗެއްކަން ވެސް ނޭނގޭ އެތައް ބާވަތްތަކެކެވެ. އޭގެ ސަބަބުން ދެން
ކުރިމަތިވާން ފެށި ސިއްހީ އަދި އިޖުތިމާއީ މައްސަލަތަކުގެ އަސަރުތަކާމެދަށް ވެސް
އެއްވެސް ދިރާސާއެއް ކުރެވުނީއެއް ނޫނެވެ.
ސަރުކާރުގެ މި ނިންމުމުގެ ފަހަތުގައި އޮތް ހަގީގީ
ސަބަބުތައް ރައްޔިތުންނަށް ކިޔައިދޭންޖެހެ އެވެ. ސިނގިރޭޓު އަގުބޮޑު ކުރި ސަބަބުތައް
ކިޔައިދިން ފަދައިންނެވެ. މިއީ ކޮންކަހަލަ ދިރާސާއެއްގެ މައްޗަށް، ކިހިނެއް
ވިސްނައި، ކޮން ބަޔަކު ބުނެގެން ނިންމާ ނިންމުމެއްތޯ ވެސް ސަރުކާރުން
ސާފުކޮށްދޭންޖެހެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ އާންމު ސިއްހަތަށް
އޮތް ބޮޑު ނުރައްކަލެއް ކަމަށް އިހުލާސްތެރިކަމާއެކު ގަބޫލުކުރާ ސަރުކާރަކުން،
އެކަށީގެންވާ ސަބަބެއް ބަޔާންކުރުމެއްނެތި ސިނގިރޭޓުގެ އަގު ހެޔޮނުކުރާނެ އެވެ. ކުރީގައި
ނެގި ބޮޑު ޓެކުހަކީ ގޯހެއް ކަމަށް މިހާރު ސަރުކާރަށް ފެންނަ ނަމަ، އެކަމަށް
އިއުތިރާފުވާންޖެހޭނެ އެވެ. އަދި މިހާރު ސިނގިރޭޓު އަގު ހެޔޮކުރަންޖެހުނީ
އިގްތިސާދީ ސަބަބުތަކަށްޓަކައި ނަމަ، އެކަންވެސް ސާފުކޮށް ހާމަކުރަންވާނެ އެވެ.
އާދައިގެ ފަރުދަކަށް ވިޔަސް، ސަރުކާރަކަށް ވިޔަސް ހިޔާލު ބަދަލުވުމަކީ އޭގެ
ޒާތުގައި މައްސަލައެއް ނޫނެވެ. ކުރިން ބުނި އެތި ކެންސަލްކޮށްލުމަކީ ވެސް
މައްސަލައެއް ނޫނެވެ. މައްސަލައަކީ ކުރިން ބުނި އެތި ކެންސަލްކުރަންޖެހުނު ސަބަބު
ހާމަކުރަން ނުކެރުމެވެ. ދައްކާ ސަބަބުތައް ދެކޮޅު ނުޖެހުމެވެ. އެހިނދަކަށް
ބޭނުންޖެހިފައި އޮތް ކަމެއް ކޮށްލާންވީމާ، އުސޫލުތަކާއި ހަމަތަކުގެ
ވާހަކަދެއްކުމަށްފަހު، އެ އުސޫލުތަކުގެ ސަބަބުން ތިމާއަށް ދަތިވާ ހާލަތްތަކުގައި
އެކަންކަން ދޫކޮށްލުމަކީ ފާޅުކަން ބޮޑު ނިފާގުކަމެވެ.  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ