އުއްމީދަކީ، ދައުރުގެ ބާކީ ބައިގައި ޑުރަގުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުން: އިހުސާން
އުއްމީދަކީ، ވެރިކަމުގެ މި ދައުރުގައި މަސްތުވާތަކެތީގެ މައްސަލައަށް ރައްޔިތުން އެދޭ ފަދަ ހައްލެއް ހޯދައި ދިނުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުން ތަމްރީނުކުރުމަށް އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ 42 ވަނަ އަސާސީ ތަމްރީނު ކޯހުން ރޭ 140 ފުލުހުން ވަނީ ދަސްވެނިވެފައެވެ. އެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ފުލުހުން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ވެސް އިތުރަށް ހޯދަން ކަމަށެވެ. އަދި ޒަމާނާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއެކު، ކުށް ކުރާ ގޮތްތައް ވެސް ބަދަލުވެފައި ވުމުން އެކަމަށް ފުލުހުން އަހުލުވެރިވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/224153 އިހުސާން ވިދާޅުވީ، ބަދަލުވެފައިވާ ކުށުގެ ވެށްޓަށް ނުކުންނައިރު އަސާސީ ތަމްރީނުން ނުފުދޭނެ ކަމަށެވެ. އަދި ފުލުހުން އަލަށް ޚިދުމަތަށް ނުކުންނަ ފުލުހުން ތިބެން ޖެހޭނީ، ޓެކްނޮލޮޖީއައި އޭގެ ތެރެއިން އަންނަ ކުށްތަކަށް ސަމާލުވުމަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް މައްސަލައަކީ ޑުރަގުގެ މައްސަލަކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތަކަށް ވެސް ޚަރަދު ކުރަނީ ޑުރަގުގެ ވިޔަފާރީގެ ފައިސާއިން ކަމަށެވެ. އެހެންވެ، ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ، އެންމެ ކާމިޔާބުކަމާއެކު ނިންމަން ޖެހޭ ކަމަކީ ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ އުނދަގޫ ކަމެއް ނަމަވެސް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ވަނީ ފަޚުރުވެރިވާ ކާމިޔާބީތަކެއް ހޯދައިފައި ކަމަށް އިހުސާން ވިދާޅުވިއެވެ. މާތް ﷲ އިރާދަފުޅާއެކު ތިޔަ ފުލުހުން އަޅުގަނޑުމެންގެ ސަފުތަކާ މިއަދުން ފެށިގެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތުގައި، ބާކީ މި އޮތް އަޅުގަނޑުމެންގެ ދައުރުގެ ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައިގައި ދިވެހި ރައްޔިތުން އެދޭ ފަދަ ހައްލެއް އަޅުގަނޑުމެންނަށް ހޯދިގެންދާނެހޯމް މިނިސްޓަރު އަލީ އިހުސާން މީގެ އިތުރުން، ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ ވާހަކަ ތަކުރާރު ކުރައްވައި އިހުސާން ވިދާޅުވީ، ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންވާނީ ބެޓަންއާއި ޕެޕާ ސްޕްރޭގެ ބަދަލުގައި، ދިވެހި ރައްޔިތުންގެ އިތުބާރު ކަމަށެވެ. އަދި ފުލުހެއްގެ ނަޒާހާތްތެރިކަން ގެއްލުވާލާ ދުވަހަކީ، ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭ ދުވަސްކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. "އަޅުގަނޑު ދޭނެ ނަސޭހަތަކީ ތި ބޭފުޅުންގެ އިންޓެގްރިޓީ ރައްކާތެރި ކުރައްވާށޭ އެންމެ މަތީ ހަރުފަތުގައި،" އިހުސާން ވިދާޅުވިއެވެ. އޭނާ އިރުޝާދު ދެއްވީ، ފުލުހުން ގާނޫނު ތަންފީޒުކުރާއިރު ވަކި މީހެއް ތަފާތުނުކޮށް ގާނޫނު ތަންފީޒުކުރުމަށެވެ. އަދި ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފައިވެއެވެ. އެގޮތުން، ވަކި ބާވަތްތަކެއްގެ މަސްތުވާތަކެތި ވަކި މިންވަރަކަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވި 140 އޮފިސަރުންގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ