އެމްޑީޕީ ސަރުކާރުން ގޯތި ދިނުމަށް ޕްލޭނެއް އެކުލަވާލާފައި އޮއްވާ މި ސަރުކާރުން އަލުން ބަލުން އައު މަޝްރޫއެއް ހިންގަންވީ ސަބަބެއް ނެތް: ނިޔާޒް

އެމްޑީޕީގެ ސަރުކާރުން ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގައި ޕްލޭނެއް އެކުލަވާލާފައި ވަނިކޮށް މިސަރުކާރުން އަލުން ބަލުން މުޅިން އައު މަޝްރޫއެއް ހިންގަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ސަރުކާރުން ހުރިހާ މަޝްރޫއެއް ހުއްޓާލާފައި ހުރިހާ ފައިސާއަކާއި ވަގުތެއް ދުއްވާލީ ރަސްމާލެ ހިއްކުމަށް ކަމަށެވެ. ނިޔާޒް ވަނީ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
”އަޅުގަނޑުމެން އޭރު ހިއްކަމުންދިޔަ ސްޕީޑަށް ބަލާއިރު އަޅުގަނޑުމެން ދުށީ ރައްޔިތުންނާއި ހަމައަށް ގޯތިތައް ދެވޭ ހިސާބަށް އަންނައިރު އެ އޮންނާނީ ހިކިފައޭ، މިސަރުކާރުން ކަންތައް ކުރި ގޮތަކީ ހުރިހާ މަޝްރޫއެއް ހުއްޓާފައި ހުރިހާ ލާރިއަކާއި ހުރިހާ ފައިސާއަކާއި ވަގުތެއް ދުއްވާލީ ރަސްމާލެ ހިއްކަން ނޫންތޯ؟ ގޯހެއް އެއީ،“ އަލީ ނިޔާޒް
އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ކުރިއަށް ގެންދިޔައިރު ގޯތި ދިނީ ކަނޑުފަޅުންކަމަށް ބުނާ ވާހަކައަށްވެސް އޭނާ ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ގިރާވަރު ފަޅުންނާއި ގުޅީފަޅުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީ ސަރުކާރުގައި އެއްވެސް ވަރަކަށް ބަޖެޓް ހަމަޖައްސާފައި ނުވާކަމަށް ސަރުކާރުން ބުނަމުންދާއިރު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ފައިސާ ހޯދާނެ ގޮތްތައް އެކުލަވާލައިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއަށް ފާޑުވިދާޅުވަމުން ނިޔާޒް ވިދާޅުވީ، އެއީވެސް ހިއްކާފައިވާ ތަނެއް ނޫންކަމަށެވެ. މިގޮތުން ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ވިސްނުން ހުރީ ގިރާވަރު ފަޅުންނާއި ގުޅީފަޅުން ދޫކުރެވުނު ގޯތިތައް ރައްޔިތުންނާ ހަމައަށް ދޫކުރެވޭ ހިސާބަށް ދާއިރު އެތަން ހިއްކާ ނިމޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.
ހުޅުމާލެ ފަޅުންނާއި ގިރާވަރު ފަޅު އަދި ގުޅީފަޅު ހިއްކައިގެން ގޯތި ދީފައި އޭގެ އިތުރުން 67،000 މީހުން އާބާދުކުރާނެ ޑިމާންޑެއް ރަސްމާލޭގައި އޮންނާނެ ކަމާމެދުވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
”ގިރާވަރު ފަޅުން ގުޅީފަޅުން ހުޅުމާލެ ފޭސް ތިނަކުން މި ހުރިހާ ތަކަނުން ގޯއްޗާއި ފްލެޓްދީފައި އަނެއްކާ އިތުރު 67،000 މީހުން އާބާދުކުރާނެ ޑިމާންޑެއް ރަސްމާލޭގައި އޮންނާނެތޯ؟ އެހެންވެއްޖެއްޔާ މުޅި ރާއްޖޭގެ ރައްތަކުން މީހުން ގެންނަން ދެއްތޯ ރާވާފައި އޮތީ ނޫނީ މިތާ އުޅޭ ބޭރު މީހުންނަށް ބޯހިޔާވަހިކަން ދޭން ނިންމާފަ އެއޮތީ، މިދެކަމުން ކުރެ ކޮންމެވެސް އެއް ގޮތަކަށް ރަސްމާލެ އާބާދުކުރެވޭނީ“ ނިޔާޒް
ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އަދި ރަސްމާލެ މަޝްރޫޢަކީ ރައީސްގެ ވަރަށް މުހިންމު ވަޢުދުފުޅެއްކަން ފާހަގަކުރެވެއެވެ.
މިސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށާއި، މާލޭ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަންދޭނެކަމަށް ރައީސް ވިދާޅުވިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ޖާގަ ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ