އުތީމުގައި ފަށާފައިވާ ތަރިކައިގެ މަޝްރޫތައް ޤައުމީ ދުވަހުގެ ކުރިން ނިންމަނީ

ހއ. އުތީމުގައި ސަރުކާރުން ކުރިއަށްގެންދާ ތަރިކަ ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ނިންމައި، މިއަހަރުގެ ޤައުމީ ދުވަހާ ދިމާކޮށް އެ ތަންތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އުތީމައް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ހީނާ ވިދާޅުވީ، މިއަހަރުވެސް ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުން އުތީމުގައި އޮންނާނެ ކަމަށާއި، މިދިޔަ އަހަރުގެ ޤައުމީ ދުވަހު އެ ރަށުގައި ފަށާފައިވާ މުހިންމު މަޝްރޫޢުތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އުތީމު ބޮޑުތަކުރުފާނުގެ ޒިކުރާ އާލާކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު ދޮރާއްޓާއި، ކަދުވަލު މިސްކިތުގެ އިތުރުން އެ ސަރަހައްދުގައި ހުރި އާސާރީ ތަންތަން ތަރައްޤީކުރުމާއި، "ވާހަކަ ވައު" ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ވާހަކަ ވައު" މަޝްރޫޢުގެ ތެރެއިން ބޮޑުތަކުރުފާނުގެ ޖިހާދާ ގުޅޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށާއި، ކަދުވަލު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
އުތީމަކީ ތާރީޚީ ގޮތުން މުހިންމު ބިނާތަކެއް ހުރި ރަށަކަށް ވުމާއެކު މިއަހަރުވެސް ޤައުމީ ދުވަހަށް އެ ރަށުގައި ޚާއްޞަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސާރީ ތަންތަން މަރާމާތުކޮށް ތަރައްޤީކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އެ ތަންތަނުގެ އަސްލު ނުގެއްލޭނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
"މިތަންތަނުގެ ރައްކާތެރިކަން ބަލަހައްޓައި މިތަންތަން ތަރިކައިގެ ގޮތުގައި ބަލަހައްޓަމުން ދަނީ މިރަށުގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން. އާރްޑީސީއާއި މިމަސައްކަތް ކުރާއިރު އެފަރާއްތަކުންވެސް ވަރަށް ބާރަށް އެމަސައްކަތް ކުރަމުންދޭ. އެހެންވިީމާއި ޤައުމީ ދުވަސް އަންނަވާއިރު މިތަންތަން ނިމި ހުޅުވިގެންދާނެކަމަށް" ވަޒީރު ހީނާ ވިދާޅުވިއެވެ.
ކަނދުވަލު މިސްކިތް ސަރަޙައްދުގައި އަލުން ކަނދުގަސް އިންދާ، ސަރަޙައްދު އިއާދަކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ޤައުމިއްޔަތު ޕްރޮގްރާމްގައި ތެރެއިންނެވެ. ވާހަކަ ވައުއަކީ ރާއްޖެއަށް ވަރަށް އައު، ތަފާތު މަސައްކަތެއްއެވެ. މީގެ ބޭނުމަކަށްވަނީ އާއްމުން ޝަޢުގުވެރިވާނެގޮތަށް، އުތީމުގެ ތާރީޚީ ވާހަކަތައް ޒަމާނާ ގުޅޭ ވަސީލަތްތަކާ ގޮތްތައް ބޭނުންކޮށްގެން ގެނެސްދިނުމެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ، ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒުކޮށްދޭގޮތަށެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި، އުތީމު ގަނޑުވަރާއި ކަނދުވަލު މިސްކިތުގެ އިތުރުން އެ ސަރަހައްދުގައި ތަރައްޤީކުރަމުންދާ "ވާހަކަ ވައު" މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވައިލައްވާފައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުވެސް މި ދަތުރުފުޅުގައި ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ