ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަކީ އީމާންކަމުގެ ނޫރު ކަނިވެ، ހަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއް ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފި އެވެ.
’ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން‘ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ތިމާއާ ހަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއް ކަމަށާއި ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ހިޔާނަތްތެރި އަމަލެއް ކަމަށެވެ.
އެގޮތުން ކޮރަޕްޝަނަކީ އިންސާނާގެ ފިތުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ, ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ އިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ބުންޏެވެ. އަދި އެއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
މުޖުތަމައުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތުކަން ފާހަގަކޮށް ހުތުބާގައި ބުނީ, ރިޝްވަތަކީ ހައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލުކަމެއް ހައްގުކަމަކަށްހެދުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށެވެ. އަދި ރިޝްވަތުދިނުމާއި ރިޝްވަތުގައި ހިފުމަކީ ލައުނަތްލެއްވިގެންވާ ބޮޑު ފާފައެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ކޮރަޕްޝަނުގެ ނުބައި އަމަލުތައް މުޖުތަމައުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، އެއީ ނުހަނު ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ހަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި ޒިންމާދާރުކަމާ އެކު ހައްގުތައް އަދާކުރުމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ބޮޑު ހަލާކެއް ހުރި ކަމަށާއި މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާގެ ލައުނަތް އެ މީހެއްގެ މައްޗަށް ހުންނާނެ ކަމަށެވެ.
ކޮރަޕްޝަނުން ހޯދާ މަންފާއިން ދިރިއުޅުން ބިނާކުރާ މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ