އޮޑި އަށް ކުޅުނު ނިހާޓް އާއި ޝަފީއު ވެސް ވިކްޓަރީ އަށް

މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަަބަށް މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވެސް ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ. 
މި ދެ ކުޅުންތެރިންގެ އިތުރުން، މިދިޔަ އަހަރުތަކުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަަސަން (ދާދު) ވެސް ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ. 
 ނިހާން، ވިކްޓަރީ އަށް މި ބަދަލުވީ، ކެރިއަރުގައި ދެ ވަނަ ފަހަރަށެވެ. މީގެ ކުރިން، 2014 ވަނަ އަހަރު އޭނާ ވަނީ ވިކްޓަރީ އަށް ކުޅެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ނިހާޓް ދެން ކުޅުނު ބައެއް އެހެން ކްލަބްތަކަށް ބަލާއިރު، އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސްގެ އިތުރުން، މާޒިޔާ އަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެދީފަ އެވެ. 
އޮޑި އަށް މިދިޔަ ސީޒަނުގައި ކުޅުނުއިރު، ނިހާޓް ވަނީ އެ ޓީމާ އެކު، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޮޑި އަށް ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދައިދޭން ޕެނަލްޓީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރު ޝަފީއު ވެސް އަންނަ ސީޒަނުގައި ފެންނާނީ ވިކްޓަރީންނެވެ. 
ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ގައުމީ ޓީމުގައި ވެސް ހިމެނޭ ގޯލްކީޕަރު ޝަފީއު ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް. ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ