ގޮހޮރުގެ ކެންސަރާ ގުޅޭ ގޮތުން އެނގެންޖެހޭ މައުލޫމާތު!

ކޮލޮން ކެންސަރު ނުވަތަ ބޮޑުގޮހޮރުގެ ކެންސަރަކީ ގޮހޮރުގެ ސެލްތައް ކޮންޓްރޯލެއް ނެތި އިތުރުވާން ފެށުމުން ކުރިމަތިވާ ބައްޔެކެވެ. މިއީ އާންމުކޮށް ކޮލޮރެކްޓަލް ކެންސަރުގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ބައްޔެކެވެ. ދުނިޔޭގެ ސިއްހީ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އާންމުކޮށް ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ޖެހޭ ބައްޔެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮލޮރެކްޓަލް ކެންސަރުގެ ކޭސްތަކުގެ ތެރެއިން ދިހަޔަކުން ހަތް ކޭހަކީ ސީދާ ބޮޑުގޮހޮރުން ފެށޭ ކެންސަރެވެ.
މި ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ ވަރަށް ގާތް ކަމެކެވެ. ނަމަވެސް ބަލި ބޮޑުވަމުންދާ ވަރަކަށް ބައެއް އަލާމާތްތައް ފެންނަން ފަށައެވެ. އޭގެ ތެރޭގައި ބޮޑުކަމުދާ ތަކެއްޗަށް ބަދަލު އައުން، ބަނޑުހިކުން ނުވަތަ ބަނޑުދިޔާވުން، ބޮޑުކަމުދާއިރު ލޭ އައުން، ބަނޑުގައި ރިއްސުން، ސަބަބެއް ނޭނގި ބަރުދަން ލުއިވުން އަދި އަބަދު ވަރުބަލިވެފައި ހުރުން ހިމެނެއެވެ. މިފަދަ އަލާމާތެއް ތިން ހަފުތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ކޮލޮން ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބު އަދި ހޯދިފައި ނުވި ނަމަވެސް، ބައެއް ކަންކަމުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ ތެރޭގައި އާއިލީ ގޮތުން ކެންސަރުގެ ތާރީޚެއް އޮތުމާއި، އުމުރުން 50 އަހަރުން މަތިވުމާއި، ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތް ހިމެނެއެވެ. ޚާއްސަކޮށް ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ގިނައިން ކެއުމާއި، ކަސްރަތު ނުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަލި ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަންކަމެވެ.
މި ބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރުން ބަލީގެ ސްޓޭޖުތައް ކަނޑައަޅަ އެވެ. ސްޓޭޖު 0 އަކީ ބަލީގެ އެންމެ ކުރީކޮޅެވެ. މި ސްޓޭޖުގައި ކެންސަރު ސެލްތައް ހުންނާނީ ހަމައެކަނި ގޮހޮރުގެ އެތެރޭގެ ފަށަލައިގަ އެވެ. ސްޓޭޖު 4 އަކީ ބަލީގެ އެންމެ ފަހު މަރުހަލާ އެވެ. މި މަރުހަލާގައި ކެންސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް، މިސާލަކަށް ފުރަމޭ ނުވަތަ ފުއްޕާމެޔަށް ފެތުރިފައި ހުންނާނެ އެވެ. ބަލި ދެނެގަތުމަށް އެންމެ އިތުބާރު ހުރި ގޮތަކީ ކޮލޮނޮސްކޮޕީ ހެދުމެވެ. އުމުރުން 45 އަހަރުން މަތީގެ މީހުން ގަވާއިދުން މިފަދަ ޓެސްޓުތައް ހެދުމަށް ސިއްހީ މާހިރުން ލަފާދެ އެވެ.
ބައްޔަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ ބަލި ހުރި މަރުހަލާގެ މައްޗަށެވެ. ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ އޮޕަރޭޝަން ކޮށްގެން ކެންސަރު ހުރި ބައި ނެގުމަކީ ބަލިން ފަސޭހަވުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. މީގެ އިތުރުން ކީމޯތެރަޕީ، ރޭޑިއޭޝަން ތެރަޕީ އަދި އިމިއުނޯތެރަޕީ ފަދަ ފަރުވާތައްވެސް ބޭނުން ކުރެވެ އެވެ.
ކޮލޮން ކެންސަރުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުން މުހިންމެވެ. ގިނައިން މޭވާއާއި ތަރުކާރީ ކެއުމާއި، ރަތް މަސް ކެއުން މަދުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ.
ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އާއިލާގައި މި ބަލި ހުރިނަމަ، ލަސްނުކޮށް ސްކްރީނިން ހެދުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ