ދެކުނު އެފްރިކާގެ ޒޫލޫ ބަހުން އުފައްދާފައިވާ ނެޓްފްލިކްސްގެ އާ ސިލްސިލާ "ދަ ޕޮލިގަމިސްޓް" މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި ބޮޑު މަގުބޫލުކަމެއް ހޯދަން ފަށައިފި އެވެ.
ދެކުނު އެފްރިކާގެ ޖޯހަނަސްބާގަށް ނިސްބަތްވާ މުއްސަނދި އާއިލާއެއްގެ ތެރޭގައި ހިނގާ ހިޔާނާތާއި، އާއިލީ މައްސަލަތަކުގެ މައްޗަށް ބިނާކޮށްފައިވާ މި ސިލްސިލާ ވަނީ ދުނިޔޭގެ ބައްރުތަކުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފަ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
މި ސިލްސިލާ ދައްކަން ފެށި ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 23 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. އަދި ދުނިޔޭގެ 62 ގައުމެއްގެ އެންމެ މަގުބޫލު ދިހަ އުފެއްދުމުގެ ތެރޭގައި ހިމެނިފައިވާއިރު، ގާތްގަނޑަކަށް ވިއްސަކަށް ގައުމުގެ އެއްވަނަ މަގާމުވެސް މި ސިލްސިލާ ވަނީ ހޯދާފަ އެވެ.
މި ވާހަކަ ބިނާވެފައިވަނީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ ޖޮނާސީ ގޮމޯރާ އޭނާގެ އަނބިމީހާ ޖޮއިސްއަށް ސިއްރުން އެހެން އަންހެނަކާއެކު ދެވަނަ ދިރިއުޅުމެއް ބިނާކުރާ ގޮތުގެ މައްޗަށެވެ.
ޖުމްލަ 22 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާގައި އަންހެނުންގެ މެދުގައި ހިނގާ ކުރިމަތިލުންތަކާއި، ގެދޮރުގައި ރޯކުރުމާއި، އަދި ހީވެސް ނުކުރާ ފަދަ ކުއްލި ބަދަލުތައް ވާހަކައިގެ ތެރެއިން ފެނިގެންދެ އެވެ. މަޝްހޫރު ފަންނާނުންވެސް މި ސިލްސިލާއަށް ތައުރީފު ކުރަމުންދާއިރު، އެމެރިކާގެ މަޝްހޫރު ޝޯ ހޯސްޓް ޝެރީ ޝެޕަޑް ބުނެފައިވަނީ މިއީ އޭނާ ވަރަށް ބޮޑަށް ގަޔާވި ސިލްސިލާއެއް ކަމަށެވެ. އޭނާ ވަނީ މިއީ މުއްސަނދި އެފްރިކާ މީހުންގެ ދިރިއުޅުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދާ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ސިލްސިލާ ބިނާކޮށްފައިވަނީ ޒިމްބާބުވޭގެ ލިޔުންތެރިޔާ ސޫ ނިޔާތީ ލިޔެފައިވާ ފޮތެއްގެ މައްޗަށެވެ. ނިޔާތީ ބުނާ ގޮތުގައި ބޭރު ގައުމުތަކުގެ މީހުންނަށް މި ސިލްސިލާ ކަމުދިޔަ އެއް ސަބަބަކީ އެފްރިކާގެ މީހުންނަކީ ހަމައެކަނި ފަގީރު ބައެއްގެ ގޮތުގައި ދައްކާ ދެއްކުން ބަދަލުކޮށްލުމެވެ.
މި ސިލްސިލާއިން ފެންނަނީ މުއްސަނދި ގަނޑުވަރު ފަދަ ގޭގޭގައި އުޅޭ، އަގުބޮޑު ކާރުތަކާއި ފެޝަން ހެދުންތައް ބޭނުންކުރާ އެފްރިކާގެ މުޖުތަމައެކެވެ. މީގެ އިތުރުން، ކައިވެނިން ބޭރުން ހިންގާ ގުޅުންތަކަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ހިނގާ ކަމަކަށްވާތީ، މިއީ ގިނަ ބަޔަކަށް އިހުސާސްކުރެވޭ ފަދަ މައުލޫއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ސިލްސިލާ އުފެއްދުމުގައި އިސްކޮށް އުޅުނީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ ދެ އަންހެން ދަރިން ކަމަށްވާ ގުގޫ ޒޫމާ-ންކޫބޭ އަދި ތުލީ ޒޫމާއެވެ.
އެމީހުންގެ ބައްޕައަކީވެސް ހަތަރު އަނބިން ތިބި މީހަކަށްވުމުން، ގިނަ އަނބިން ހޯދުމުގެ ސަގާފަތާއި އޭގެ ސަބަބުން އާއިލާގެ ތެރޭގައި އުފެދޭ ނުތަނަވަސްކަން އެމީހުންނަށް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވެ އެވެ. މި ސިލްސިލާގެ ސަބަބުން ދެކުނު އެފްރިކާގެ ފިލްމީ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުފެއްދުންތެރިން އުންމީދު ކުރެއެވެ.
މި ސިލްސިލާގެ މަގުބޫލުކަމާއެކު، ދެކުނު އެފްރިކާގެ މުޖުތަމައުގައި އަންހެނުންގެ ހައްގުތަކާއި، ރައްކާތެރި ޖިންސީ ގުޅުންތަކާ ބެހޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
އދ. ގެ އެއިޑްސް ބައްޔާ ބެހޭ އިދާރާއިންވެސް ވަނީ މި ސިލްސިލާގެ މައި ކެރެކްޓާ ބޭނުންކޮށްގެން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށާފައެވެ. މިގޮތުން، ހިޔާނާތްތެރި ފިރިއެއްގެ ސަބަބުން އާއިލާއަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު މީހުން ހޭލުންތެރިކުރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސިއްރުތަކާއި މައްސަލަތަކުގެ މައްޗަށް ބިނާވެފައިވާ މި ސިލްސިލާ މިހާރު ވެފައިވަނީ މުޖުތަމައުގެ މުހިންމު މައްސަލަތަކާ މެދު ވާހަކަދައްކަން މަގުފަހިކޮށްދިން ވަސީލަތަކަށެވެ.
ނެޓްފްލިކްސްގެ "ދަ ޕޮލިގަމިސްޓް": އެފްރިކާގެ މުއްސަނދި ދިރިއުޅުމާއި އާއިލީ ހިޔާނާތުގެ ވާހަކައިން އެންމެން ސިއްސުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ