ތެލުގެ އަގު، ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ދަށަށް
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލަން ދާއިމީ އެއްބަސްވުމަކަށް އަތުވެދާނެ ކަމުގެ އުއްމީދާއެކު، ތެލުގެ އަގު ދަށްވެއްޖެއެވެ. ތެލުގެ އަގު ވެއްޓިފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ހެދުމުގައި ކުރިއެރުންތައް ލިބިފައިވާ ކަމަށް، އީރާނާއި އެމެރިކާއާ ދެމެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ގަތަރުން އިއުލާންކުރި ފަހުންނެވެ. ގަތަރުން އެފަދައިން ބުނި ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އިއްޔެ، ތެލުގެ އަގުގެ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ އެއް ޕަސެންޓް ވެއްޓި، 71 ޑޮލަރަށް ދަށްވެފައެވެ. ބައިނަލްއަގުވާމީ ބާޒާރު ދިރާސާކުރައްވާ ފަރާތްތަކުން ވަނީ އެއީ އެމެރިކާއިން ހަނގުރާމަ ފެށި ދުވަސް ކަމަށްވާ، ފެބްރުވަރީ 28ގެ ފަހުން ތެލުގެ އަގު އެހާ ދަށްވި ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ. އެ ހަނގުރާމަ ފެށުމުގެ ކުރިން ބައިނަލްއަގުވާމީ ބާޒާރުގެ ތެޔޮ ފީފާއެއްގެ އަގު ހުރީ 60 ޑޮލަރާއި 72 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް މިދިޔަ މަހުގެ 17ގައި ވަގުތީ ގޮތުން އެއްބަސްވި އިރުވެސް ތެލުގެ އަގު ދަށްވެފައިވެއެވެ. ނަމަވެސް އޭގެ ފަހުން ވެސް ދެ ގައުމުން ހަމަލާތައް ބަދަލުކުރުމުގެ ކަންބޮޑުވުންތައް އޮތެވެ. އެ ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު ރެކޯޑު އަގުތަކަށް އުފުލުނީ، ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑެތި ޝިޕްމެންޓުތައް އުފުލާ ހޮރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކުރުމުންނެވެ. އެގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނުއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 126.41 ޑޮލަރަށް އެރިއެވެ. އެމެރިކާއާއި އީރާނުން ހެދި ވަގުތީ އެއްބަސްވުމުގެ ދަށުން އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުމުން އަނެއްކާވެސް އެ ގައުމުން އެ ކަނޑުއޮޅި ބަންދުކުރިއެވެ. އެހެންނަމަވެސް، އޭގެ ފަހުން އީރާނުން އަނެއްކާ ވެސް ހޮރްމުޒް ކަނޑުއޮޅި ހުޅުވާލައިފައިވާ ކަމަށާއި، ބައެއް އުޅަނދުތައް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. ތެލުގެ އަގު އުފުލުމުގެ އަސަރު ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތަކަށް ވެސް ކުރާއިރު، ރާއްޖެ ފަދަ ކުދި ގައުމުތަކަށް ވެސް އޭގެ ސަބަބުން ގެއްލުންވެއެވެ. ޚާއްސަކޮށް ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމުތަކަށް، ތެލާއި އެހެނިހެން މުދަލުގެ އަގު ބޮޑުވުމުގެ ގެއްލުން ބޮޑުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ