"ޑޮލަރު އިންވެސްޓްމެންޓަކީ ކަޅު ބާޒާރަށް ހިތްވަރުދޭ މުޢާމަލާތެއް ނޫން"

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ޑޮލަރު އިންވެސްޓްކުރުމުގެ ފުރުޞަތަކީ ޑޮލަރުގެ ކަޅު ބާޒާރަށް ބާރު ލިބޭ މުޢާމަލާތެއް ނޫން ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން މިގޮތަށް ވިދާޅުވެފައިވަނީ ބައެއް ފަރާތްތަކުން ބޭންކުން ޑޮލަރު ގަންނަ އަގު ކަނޑައެޅިފައިވާ ވަރަށް ވުރެ ބޮޑުކޮށް ކަޅު ބާޒާރަށް ވަދެފައިވާ ކަމަށް ކުރާ ތުޙުމަތުތަކަށް ޖަވާބު ދެމުންނެވެ.
ބީއެމްއެލްއިން ވަނީ ޑޮލަރު އިންވެސްޓްކޮށް އޭގެ މުޤާބިލުގައި އެ އަދަދަށްވާ ދިވެހި ފައިސާ އަނބުރާ ވަގުތުން ދޭ ގޮތަށް، އަދި ޖެހިގެން އަންނަ ދުވަހު %25 އާ ހަމައަށް އިތުރަށް ނަފާ ލިބޭ އިންވެސްޓްމެންޓް ޕޫލެއް ތަޢާރަފް ކޮށްފައެވެ. މި މުޢަމަލާތް ހިނގާ ގޮތަށް ބަލާއިރު 3 ގިންތިއަކުން އިންވެސްޓް ކުރެވޭ ގޮތަށް އެ ބޭންކުން ވަނީ ހުޅުވާލާފައެވެ.
އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރު ބޭންކުގެ އިންވެސްޓްމެންޓް ޕޫލް ހުޅުވިފައި ހުންނަ ގަޑިތަކުގައި ދިނުމުން އެއަށްވާ ޑޮލަރު ވަގުތުން ކަސްޓަމަރުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްދެއެވެ. އެ ޑޮލަރު އިންވެސްޓް ކުރަނީ އީކޮމާސް ޕްލެޓްފޯމްތަކުގައި ކުރާ ވިޔަފާރިއަށެވެ.
ބޭންކުން މިދިޔަ އަހަރުން ފެށިގެން އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތަށް ދަނީ %30 ގެ ފީއެއް ނަގަމުންނެވެ. އިންވެސްޓް ކުރާ ފައިސާގެ ނަފާ ދެނީ މި ފީގެ ތެރެއިން ބޭންކުގެ ޚަރަދަށް %5 ކެނޑުމަށްފަހު އޭގެއިން ބާކީވާ ފައިސާއިން ކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިމުޢާމަލާތް ހިންގާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން ޢަބްދުﷲ ޙަސަން ވިދާޅުވީ، މިގޮތަށް މި މުޢާމަލާތް ކުރެވޭ ސަބަބަކީ ކަސްޓަމަރުންގެ އީކޮމާސް ޑިމާންޑް އޮތް މިންވަރު ބޭންކަށް އެނގުމާއެކު، އެ ޑިމާންޑަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން އިންވެސްޓް ކުރަން ހުޅޫވާލެވޭތީ ކަމަށެވެ.
"ފެންނާނެ، އަޅުގަނޑުމެން އިންވެސްޓްމެންޓް ޕޫލުގައި އުޅޭނެ %25 ރިޓާންއަކާއި %15 ގެ ރިޓާންއަކާއި، %10 ރިޓާންއެއް. ބްލެކް މާކެޓު ރޭޓުގައި ޑޮލަރު ގަންނަނަމަ މިގޮތަށް މި އެއްޗެއް ޑިޒައިންވެސް ނުކުރެވޭނެ. އެހެންނޫންނަމަ އިންނަން ޖެހެނީ ބްލެކް މާކެޓް ރޭޓާއި އަޅާ ކިޔާ ވަރުގެ، ބޮޑު ރިޓާން ޕަސެންޓޭޖެއް ދޭން." ޢަބްދުﷲ ވިދާޅުވިއެވެ.
މި އިންވެސްޓްމެންޓުގެ ޑޮލަރުގެ އަގަށް ބަދަލު އައިސް ކަޅު ބާޒާރުގައި އަގުތަށް އުފުލިދާނެ ކަމަށް ބީއެމްއެލް ޑިރެކްޓަރ އޮފް ފައިނޭންޝިއަލް ސްޓްރެޓިޖީސް ޤަބޫލެއް ނުކުރައްވައެވެ.
ޢަބްދުﷲ ޙަސަން ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ސަޕްލައި އަދި ޑިމާންޑަށް ބަލާއިރު ބީއެމްއެލްގެ އިންވެސްޓްމެންޓު ޕޫލްގެ ސަބަބުން ސަޕްލައިއަކަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި ޑިމާންޑަށް ބަލާއިރު އަގަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ހާލަތަށް ބަލާއިރު އަގަށް އަންނާނެ ބަދަލެއް އަންނާނީ ކުރިމަގުގެ އަންދާޒާތަކަށް ރިއާޔަތްކޮށް ކަމަށެވެ.
"ދެން ސުވާލަކީ އަޅުގަނޑުމެން މި ޓްރާންސެކްޝަނުން އެއަށް ބަދަލު އަންނާނެތޯ. މިސާލަކަށް މާކެޓުގެ މިހާރު އިކުއިލިބްރިއަމް އަކީ 20 ކަމަށް ބަލަމާ. އެގޮތަށް ބެލިޔަސް އެގްރިގޭތް ޑިމާންޑް އަދި އެގްރިގޭޓް ސަޕްލައި އޮފް ޑޮލަރ އަކަށް ބޮޑު ބަދަލެއް ނާދޭ. އެހެންވެއްޖެއިއްޔާ މިއީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ނެގެޓިވް އިމްޕެކްޓެއް އަންނާނެ ކަމެއް ގޮތުގައި އަޅުގަނޑެއް ނުދެކެން." އަބްދުﷲ ހަސަން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މި މުޢަމަލާތް ބޭންކުރާއިރު، ބޭންކިން ޤާނޫނޫތަކާއި އެމްއެމްއޭގެ ޤަވާއިދުތަކަށް ފުރިހަމައަށް ތަބާވާ ކަމަށެވެ. އަދި އެ ކުންފުންޏަކީ އާންމުންގެ ހިއްސާ އޮތް ކުންފުންޏެއް ކަމުން، ސީއެމްއެޑީގެ އުސޫލްތަކާއި ޤަވާއިދުތަކަށްވެސް ފުރިހަމައަށް ތަބާވެ މި ފަދަ މުޢަމަލާތްތައް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވަނީ ޑޮލަރުގެ މި މުޢާމަލާތާއި ގުޅިގެން، ދުވާލެއްގެ މައްޗަށް ބޭރުފައިސާގެ މުޢަމަލާތް ވިޔަފާރި ކުރުމަށް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާކަން ފަހާގަކޮށްފައެވެ. އަދި މިވަގުތު އިންވެސްޓްމެންޓުގެ ނަފާގެ ރޭޓަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށްވެސް ބޭންކުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ