ގައްދޫގައި އަގުބޮޑުކޮށް ކާޑު ވިއްކާތީ ވިޔަފާރިވެރިންނަށް ކައުންސިލުގެ އިންޒާރެއް

ގދ. ގައްދޫގައި އަގުބޮޑުކޮށް ކާޑު ވިއްކާތީ އެ ރަށު ކައުންސިލުން އެކަން ކުރާ ވިޔަފާރިތަކަށް އިންޒާރެއް ދީފި އެވެ. 
ގައްގޫ ކައުންސިލުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ ގޮތުން ކާޑު ވިއްކޭނީ ކޮންޓްރޯލްކޮށްފައި އަގުތަކަށް ކަމަށެވެ. ނަމަވެސް އެ އަގުތަކަށްވުރެ ބޮޑުކޮށް ގައްދޫގައި ކާޑުގެ ބާވަތްތައް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. 
"މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަގު ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ގަވާއިދާ ހިލާފަށް ގައްދޫގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާކަން ވަނީ މި ކައުންސިލުގެ ސަމާލު ކަމަށް އައިސްފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 
ގައްދޫ ކައުންސިލުން ބުނީ ކާޑުގެ ބާވަތެއް ޕެކެޓުކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް، ޕެކެޓު ކުރުމުގެ ހަރަދު ވެސް ހިމެނޭނީ ސަރުކާރުގެ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށެވެ. 
"[ކާޑުގެ] އެއްވެސް ބާވަތެއް ޕެކެޓް ކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާއި ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ފަދައިން ޕެކެޓް ކުރުމަށް ހިނގާ ހަރަދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ލިޔުމަކުން ހުށައަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގައްދޫ ކައުންސިލުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކާޑުވެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާ ނަމަ އިގްތިސާދާ ބެހޭ މިނިސްޓްރީއަށް ކައުންސިލުން އެކަން ރިޕޯޓު ކުރާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެ ވިޔަފާރިއެއް 10،000 ރުފިޔާއިން ޖޫރިމަނާކޮށް ހަ މަސް ދުވަހަށް އެ ތަނެއް ބަންދު ކުރަން މިނިސްޓްރީއަށް އެންގިދާނެކަން ކައުންސިލުން ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ