އެއިޓީން ތާޓީ: ފަހަތުންއަރާ ޗެމްޕިއަން ޑީއެސްސީ ބަލިކޮށް ވެމްކޯއަށް ތާރީޚީ ފެށުމެއް

ކްލަބް މޯލްޑިވްސްގެ އަންހެން ފުޓްސަލް މުބާރާތް ކަމަށްވާ އެއިޓީން ތާޓީ މުބާރާތުގެ ފުރަތަމަ މެޗުގައި، ތިން ލަނޑު ފަހަތުގައި އޮތުމަށްފަހު ކްލަބް ވެމްކޯއިން ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކޮށް، މުބާރާތުގެ ފެށުން ވަރަށް ބޮޑަށް ގަދަކޮށްފިއެވެ. ކްލަބް މޯލްޑިވްސްއާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ އެންމެ ފެންވަރުގަދަ އަންހެން ފުޓްސަލް މުބާރާތުގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތުގެ މި މެޗުގައި އެންމެ ބޮޑަށް ފާހަގަވީ ބިދޭސީ ކުޅުންތެރިންނެވެ. އެގޮތުން ޑީއެސްސީގެ ސްކޮޑުގައި ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ހިމެނުނުއިރު، ވެމްކޯއިން ވަނީ ބްރެޒިލްގެ ދެ ކުޅުންތެރިން ދަނޑަށް ނެރެފައެވެ. މިއީ އެއިޓީން ތާޓީ މުބާރާތުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ނަތީޖާއެކެވެ. އެގޮތުން ޑިފެންޑިން ޗެމްޕިއަނަކާ ދެކޮޅަށް މިއީ ނެރުނު ބޮޑު ނަތީޖާއެކެވެ. މެޗު ފެށިގެން ފުރަތަމަ ކޮޅު މުޅިން ޑޮމިނޭޓްކުރީ ޑީއެސްސީންނެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ސަބީނާ ޚާތޫން ދިން މޮޅު ޕާހަކުން ސުމައްޔާ މަޓްސުޝީމާ ވަނީ ލަނޑެއް ޖަހައި ޑީއެސްސީއަށް ކުރިހޯދައިދީފައެވެ. ކްލަބް މޯލްޑިވްސް އެއިޓީން ތާޓީގައި ޑީއެސްސީން ލަނޑު ޖެހުމަށްފަހު-- ފޮޓޯ: ފޮޓޯ މާސްޓާ އޭގެ ދެ މިނެޓުފަހުން ސުމައްޔާ ވަނީ ހަނި އޭންގަލަކުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އަށްވަނަ މިނެޓުގައި މައީޝާ އަބްދުލް ޙަންނާން ޖެހި ލަނޑާއެކު ޑީއެސްސީން 3-0 ގެ ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ވެމްކޯއިން އުންމީދު ކަނޑައެއް ނުލައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ބްރެޒިލްގެ އަޗްލީ ލަރީސާ ވެމްކޯގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ހައްވާ ހަނީފާ ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 3-2 އިން ޑީއެސްސީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށުމާއެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެންދިޔައެވެ. ހާފު ފެށުނުތާ ތިންވަނަ މިނެޓުގައި މަރްޔަމް ނޫރާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ވެމްކޯގެ ހެޑް ކޯޗު އަލީ ނަދީމް ގެނައި ޓެކްޓިކަލް ބަދަލުތަކާއެކު އެޓީމުން ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 33 ވަނަ މިނެޓުގައި މަޔާރާ ކާސިއާ ވަނީ ލަނޑެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ވެމްކޯއަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ނޫރާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ވެމްކޯއަށް 5-3 އިން ތާރީޚީ މޮޅެއް ކަށަވަރުކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ ސެމީ ފައިނަލުން ޑީއެސްސީ އަތުން 2-0 އިން ބަލިވި ބަލިވުމުގެ ބަދަލު ހިފުމެއްގެ އިތުރުން، މިއަހަރުގެ ތަށި ހޯދުމަށް ވެމްކޯއިން ނުކުތީ ވަރުގަދަ އަޒުމެއްގައިކަން ސާބިތުކޮށްދިން މެޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ