އެޗްޑީސީ ފްލެޓުތަކުގެ ބޮޑެތި މައްސަލަތަކެއް، ލިފްޓު ވެއްޓުމާއި އެޕާޓުމެންޓުތަކަށް ފެން ވަދެ ބޮޑު ގެއްލުމެއް!

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް އެ ކުންފުނިން އަޅައިދީފައިވާ ފްލެޓުތަކުގެ މައްސަލަތައް ބޮޑުވެ، ޝަކުވާތައް އިތުރުވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ ރީތިގަސް 2A ގައި ހަރުކޮށްފައި ހުރި ލިފްޓުގެ މައްސަލަތަކެއް ޖެހި، ލިފްޓުގައި މީހުން ތިއްބާ ވެއްޓޭ މައްސަލަތަކެއް ވެސް އިއްޔެ ފެންމަތިވި ކަމަށެވެ.
"މީހުން ލިފްޓުގައި ތިއްބާ ލިފްޓު ވެއްޓެނީ، ކިހާ ނުރައްކާތެރިކަމެއް އެއީ؟ ބުނެފަކާ ނޫން ދޯ ކަމެއް ދިމާވާނީ؟ އިއްޔެ ވެސް އަންހެން ކުއްޖަކު ލިފްޓުގައި ހުއްޓާ ލިފްޓު ވެއްޓިއްޖެ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އޭގެ އިތުރުން އެ ޓަވަރުގެ ބައެއް ފަންގިފިލާތަކުން އިރުއިރުކޮޅުން ކަރަންޓުދާ މައްސަލަ އާއި އެޕާޓުމެންޓުތަކުގެ ފާރަށް ފެން ހިފައި، އެޕާޓުމެންޓުތަކުގެ ތެރެއަށް ފެން ވަދެ އެ ތަންތަނުގައި ދިރިއުޅެމުންދާ މީހުންނަށް އެތައް ގެއްލުމެއް ވަމުންދާ ކަމަށް މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ ބައެއް އެހެން މުވައްޒަފުން ބުންޏެވެ.
"އިމާރާތަށް ފެން ވަންނާތީވެ ޓެނެންޓްސްގެ ފަރުނީޗަރުތަކަށް ލިބޭ ގެއްލުން ވެސް ބޮޑު، މީގެ ކުރިން މި ވާހަކަތައް ނުދައްކާ ތިބީ، އެކަމަކު ހައްލެއް ނުލިބުނީމާ ދައްކަން މި ޖެހެނީ،" މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ މުވައްޒަފަކު ބުންޏެވެ.
އެ ފްލެޓުތަކުގެ ބައެއް ފޮޓޯތައް ވެސް މި ނޫހަށް ލިބިފައިވެ އެވެ. އެ އެޕާޓުމެންޓުތަކުގެ ތެރެއަށް ފެން ވަދެ، ފާރުތަކުގައި ވަރަށް ބޮޑަށް ފެން ހިފާފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ. އަދި، ބައެއް އެޕާޓުމެންޓުތަކުގެ ކުޑޮދޮރުތަކާ ދިމާލުގައި ރެނދުލާފައިވާ ތަން ވެސް އެ ފޮޓޯތަކުން ފެނެ އެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކޮށް މެސެޖު ކުރުމުން އެޗްޑީސީގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ