ކީސްޓޭޖްތަކުގެ ދަރިވަރުންނާއި، މިފަހުން އޯލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ހިސާބު މާއްދާގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވަމުންދާކަމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފާޅުކުރައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކީސްޓޭޖް-3 2025 ގެ ”ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް“ ރިޕޯޓް އާންމުކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، ކުރިން ހަދާފައިވާ އެސެސްމަންޓުތަކަށް ބަލާއިރު ވެސް ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ކީސްޓޭޖް 1 އަދި 2 އެއްގެ ނަތީޖާތައް ދަށްކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޓީޗަރުން އަދި ޕްރިންސިޕަލުންނާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކީސްޓޭޖް 3 ގައި ވެސް ފެނިގެން މިދިޔައީ ހަމަ ނަތީޖާ ދަށްކަން. އެއާއެކު އައިޖީސީއެސްއީ އަދި އޯލެވެލްގެ ނަތީޖާއަށް ބަލާއިރު ވެސް ހިސާބު މާއްދާގެ ނަތީޖާ ދަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ހިސާބު ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކީސްޓޭޖް 1 ގެ މަންހަޖަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު ހިސާބު މާއްދާ ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، ދަރިވަރުން ހިސާބު މާއްދާއަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލްތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ދިވެހި، އިސްލާމް އަދި ހިސާބު މާއްދާއިން ދަރިވަރުންގެ ފެންވަރު ދަށްވަމުންދާތީ، އެ މާއްދާތައް ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ނިންމާފައެވެ.
ދަރިވަރުންގެ ހިސާބު މާއްދާގެ ނަތީޖާ ދަށްވަމުންދާތީ އެޑިއުކޭޝަން މިނިސްޓަރުގެ ކަންބޮޑުވުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ