އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު ލޭގެ ސާމްޕަލްތައް އުފުލުމަށް ބޭނުންކުރާ ”ޕޮއިންޓް-ޓު-ޕޮއިންޓް“ ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ބީލަމަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭ އިޢުލާން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ވަނީ އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި މަސައްކަތަކީ އައިޖީއެމްއެޗްގެ އެދުމުގެ މަތިން، ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލްގެ ދެމެދުގައި ލެބޯޓްރީ ސާމްޕަލްތައް އަވަސްކަމާއެކު އުފުލޭނެ އޮޓޮމޭޓެޑް ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ސާމްޕަލްތައް އުފުލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަވެ، ލެބޯޓްރީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ”ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ“ (އެންސީބީ) އުސޫލުންނެވެ. ބީލަމުގައި ބައިވެރިވެވޭނެ ޝަރުތުތަކާއި މާކްސް ދޭނެ ގޮތުގެ ތަފުސީލު ބީލަން ފޮތުގައި ވަނީ ހިމަނާފައެވެ.
މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފީ ބަލައިގަތުން ކުރިއަށްދާނީ ޖުލައި 5 އިން 12 ގެ ނިޔަލަށް، ސަރުކާރުގެ ”ބަނޑޭރި ޕޭ“ ޕޯޓަލް މެދުވެރިކޮށެވެ. ފީ ދެއްކުމަށްފަހު، ރަޖިސްޓްރީވުމަށް ބޭނުންވާ މައުލޫމާތާއި ފައިސާ ދެއްކި ރަސީދު، އިޢުލާނުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެސްތަކަށް ފޮނުވަންޖެހޭނެއެވެ. ބިޑާއެކު 87,500 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މި ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ޖުލައި 5 އިން ފެށިގެން ފައިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ބީލަމާ ގުޅޭގޮތުން އަންނަ އެންމެހާ ބަދަލުތަކާއި އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް ގަވާއިދުން ބެލުމަށް މިނިސްޓްރީން އިރުޝާދުދެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ”ޕްރީ-ބިޑް“ ބައްދަލުވުން އޮންނާނީ ޖުލައި 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މަޝްރޫއާ ގުޅޭ އެއްވެސް ސުވާލެއް ނުވަތަ އޮޅުންފިލުވަން ބޭނުންވާ ކަމެއް އޮތްނަމަ، އެ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
ބިޑަށް ހުށަހެޅުން އޮންނާނީ ޖުލައި 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ސަރުކާރުގެ ”ބީލަން ޕޯޓަލް“ މެދުވެރިކޮށެވެ. އަދި ބިޑަށް ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ.
މި އޮޓޮމޭޓެޑް ނިޒާމު ގާއިމުވުމުން، އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު ލޭގެ ސާމްޕަލްތައް އުފުލުމުގެ މަސައްކަތް މިހާރަށްވުރެ ރައްކާތެރިކަމާއެކު އަދި އަވަހަށް ކުރިއަށްދާނެއެވެ. މީގެ ސަބަބުން ބަލިމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބުން އަވަސްވެ، ބައްޔަށް ފަރުވާ ދިނުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ލޭގެ ސާމްޕަލް އުފުލާ ނިޒާމެއް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ