އަތޮޅު ކައުންސިލްތައް އުވާލުމުން ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް ހަދަނީ

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށައިފި އެވެ. 
އެ މަސައްކަތުގައި އިސްނަގާފައި ވަނީ ހދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުންނެވެ. އެ އަތޮޅުގެ ރަށްތައް ހިމެނޭ ބޯޑެއް އެކުލަވާލަން ހުށަހެޅުއްވީ އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެވެ. 
"މި ބައްދަލުވުމުގައި މޭޔަރުގެ ހުށަހެޅުމަށް ހުރިހާ ރައީސުން ވެސް ތާއީދުކުރަށްވާ، އަތޮޅުގެ ތަރައްގީ އާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށް، ހދ. އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ނިންމާފައިވޭ،" ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވެ އެވެ. 
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް ހަދަން ނިންމާފައި މި ވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އަތޮޅު ކައުންސިލްތައް އުވާލުމުން އެކި ރަށްރަށަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. 
ހދ. އަތޮޅު ތަމްސީލު ކުރަން އުފައްދާ ބޯޑު މަސައްކަތް ކުރާނެ ގޮތަކާއި ބޯޑުގެ މަގްސަދުތައް މި ހިނގާ ޖުލައި 15، ގެ ކުރިން އެކަށައެޅުމަށް ވެސް ރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. 
އޭގެ އިތުރުން އެ ބައްދަލުވުމުގައި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލުފާޅުކޮށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ކުޅުދުއްފުށީ ކައުންސިލުން ބުންޏެވެ. 
"މި ބައްދަލުވުމުގައި ރަށްރަށުގެ ރައީސުން އެކަކު އަނެކަކަށް ތައާރަފް ވުމާއި، އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ބޭހޭ ގޮތުން ހިޔާލު ފާޅުކުރަށްވާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި،" ކައުންސިލުން ބުންޏެވެ. 
އިއްޔެ ބައްދަލުވުމުގައި ހދ. އަތޮޅުގެ ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްތަކުގެ ރައީސުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ