ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކުށްކުރުން ގިނަވާ ކަމަށާއި ހިޔާ ފްލެޓު ސަރަހައްދަކީ އޭގެ ރަނގަޅު މިސާލެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީ މައްސަލަ ބޮޑުވުމުގެ އެއް ސަބަބަކީ ސަރުކާރުތަކުން ގެންގުޅެފައިވާ ތަރައްގީގެ ސިޔާސަތުތައް ކަމަށެވެ. އޭގެ އެއް މިސާލަކީ ގިނަ ބަޔަކު ތޮއްޖެހިގެން އުޅެންޖެހޭ ގޮތަށް ކަންކަން ރޭވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަރައްގީ ހާސިލް ކުރުމަށްޓަކައި މިދިޔަ ސަރުކާރުތަކުން މިއަދާ ހަމައަށް އައިރު ގެންގުޅެފައިވާ ސިޔާސަތުގެ ވެސް މައްސަލަ އެބަ އުޅޭ. މިސާލަކަށް ބަލަމާ ހިނގާ ހިޔާ ފްލެޓުތައް ސަރަހައްދު އެނގޭތޯ. ހިޔާ ފްލެޓުތައް ސަރަހައްދުގައި ވަރަށް ގިނަ ތިޔަ ވިދާޅުވި ކަހަލަ ކުށް ކުރާ ކުދިން ނޫނީވިއްޔާ ކުށްކުރުމަށް ވަލްނަރެބަލް ނުވަތަ އެކަން ކުރަން ފަށާފާނެ ކުދިން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެކި ރަށްރަށުގެ މީހުން އައިސް އެއްތަނެއްގައި އުޅެން މަޖުބޫރުވެފައި އޮތުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާ އެއް ސަބަބު ކަމަށެވެ. އެފަދަ ތަންތަނުގައި އުޅޭ ބެލެނިވެރިންނަށް ގިނަ ފަހަރު ދަރިން ބަލާނެ ވަގުތު ނުލިބޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ސަބަބަކީ އެތަނުގައި އެބަ އުޅޭ އެކި ރަށްރަށުން އެކި ސަބަބުތަކަށްޓަކައި މަޖުބޫރީ ހާލަތުގައި މާލެއަށް ހިޖުރަކޮށްފަ ތިބި އެތައް ބަޔަކު. މިއީ މި ދެންނެވި ތަރައްގީއާ ގުޅިފައި ހުރި ކަމެއް އެނގޭތޯ. މާލެއަށް އަންނަން މަޖުބޫރުވާންޖެހޭ ސަބަބެއް އޮންނަންޖެހޭނެ. އޮތީމަތާ އަންނާނީ. ދެން އެތަނުގައި މި އުޅެނީ ވަރަށް ގިނަ ރައްޔިތުން. އެކިއެކި ރަށްރަށުގެ ވަރަށް ގިނަ ރައްޔިތުން މި އުޅެނީ. އެ ކުދިންގެ ޕޭރެންޓުން، ބެލެނިވެރިން މަޖުބޫރީ ހާލަތުގައި ދެ ތިން ޖޮބު އަދާކުރަންޖެހޭ. ބޮޑު އަގުގައި ކުއްޔަށް ފްލެޓު ނަގަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ، މަސްތުވާކަތީގެ މައްސަލައިގެ ރޫޓް ކޯސްއެއް ކަމަށް ރައީށް ވިދާޅުވި އެވެ. އެކަންކަން ހައްލު ކުރަން ސަރުކާރުން ރަނގަޅު ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ހުރީ އެއްކަމަކާ އަނެއް ކަމަކާ ގުޅިލާމެހިފައިވާ ކަންކަން. އެހެންވީމާ ސަރުކާރުގެ ސިޔާސަތަކީ ރޫޓް ކޯސްތަކަށް ދިޔުން ކަމަށްވާތީ ހައުސިން މައްސަލަ ހައްލު ކުރުމަކީ އެންމެ ބޮޑު އެއް ކަންތައް. އެކަށީގެންވާ ޖޮބް އޮޕޮޗޫނިޓީ އިތުރު ކުރުމަކީ އެއް ކަންތައް. ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ލިބޭނެ ފުރުސަތުތައް ދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ގުޅިފައި އެބަ އޮތް މަސްތުވާތަކެއްޗާ ނޫނީވިއްޔާ ކުށްކުރުމުގެ ތެރެއަށް ކުދިން، ޒުވާނުން ދިޔުމަށް އެނގޭތޯ. އެހެންވީމާ ރޫޓް ކޯސްތަކަށް އެޑްރެސް ކުރާ ވާހަކަ މި ދަންނަވަނީ މާނަވީ، މާނަ ހުރި އޭގެ ހަމަ ހަގީގީ ބަދަލު އަންނާނެ ގޮތަށް ކަންކުރުމުގެ ބޭނުމުގައި. ހަމަ ނަމެއްގައި މަތިމަތިން ކަން ކޮށްލައިގެން ދުވަހަކު ވެސް މި މައްސަލަ ހައްލެއް ނުވާނެ."
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުށް ގިނަވާ ކަމަށާއި ހިޔާ ފްލެޓުތަކަކީ އޭގެ ރަނގަޅު މިސާލެއް ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ