ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި، ސިވިލް ސަރވިސްގެ ގަވާއިދަށް މުހިންމު އިޞްލާޙުތަކެއް ގެނެސް، އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ”ބަފަރ ޓައިމް“ ތައާރަފުކުރުމެވެ. އައު ގަވާއިދު ބުނާގޮތުން، މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން ރަސްމީ ގަޑިއަށް ހާޒިރުނުވެވޭ ދުވަސްތަކުގައި، މަސައްކަތް ފަށާ ގަޑިން ފެށިގެން 30 މިނިޓުގެ ބަފަރ ޓައިމެއް ލިބޭނެއެވެ. ނަމަވެސް، މި ވަގުތު ބޭނުންކުރާ މުވައްޒަފުން އެ ދުވަހަކު އޮފީސް ނިމޭ ގަޑި، ލަސްވި މިންވަރަށް ފަސްކޮށްގެން މަސައްކަތު ގަޑި ހަމަކުރަންޖެހޭނެއެވެ.
މީގެ އިތުރުން، ޚާއްޞަ ޞިއްޙީ ހާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ހުއްދަ ދެވޭނީ ޞިއްޙީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކެއްގެ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ރިއާޔަތްކޮށް، އެ މުވައްޒަފަކަށް އޮފީހަށް ނުކުމެ މަސައްކަތްނުކުރެވޭ ހާލަތެއް ދިމާވެއްޖެ ނަމައެވެ. އަދި އެ މުވައްޒަފަކު ކުރާ މަސައްކަތަކީ އޮފީހުން ބޭރުގައި ކުރެވޭނެ މަސައްކަތެއް ކަމަށްވާނަމައެވެ.
އެފަދަ ފުރުސަތު ދެވޭ މުވައްޒަފުން މަސައްކަތްކުރާ މިންވަރު ސުޕަވައިޒްކޮށް މޮނިޓާކުރަންޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ. އަދި އެކަށީގެންވާ ގޮތެއްގައި ގޭގައި ތިބިގެން މަސައްކަތް ނުކުރެވޭނަމަ އެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ހުއްދަ އަނބުރާ ގެންދެވިދާނެ ކަމަށް ވެސް ވެއެވެ.
ގަވާއިދަށް ގެނައި އެހެނިހެން ބަދަލުތަކުގެ ތެރޭގައި:
ނަމާދު ވަގުތު: މަސައްކަތު ގަޑީގައި ނަމާދު ވަގުތެއް ގެއްލޭނަމަ، ނަމާދުކުރުމަށް 15 މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންޖެހޭނެއެވެ.
ހުސްވަގުތު: މެދުކެނޑުމެއްނެތި 5 ގަޑިއިރު މަސައްކަތްކުރާނަމަ 30 މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
ވިހެއުމާ ގުޅޭ އިނާޔަތް: ވިހެއުމަށްފަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް، ދަރިފުޅަށް 2 އަހަރު ފުރެންދެން، ކޮންމެ ދުވަހަކު 30 މިނިޓުގެ ދެ ވަގުތުކޮޅު (ޖުމްލަ 1 ގަޑިއިރު) ދަރިފުޅު ގާތަށް ދިއުމަށް މުސާރައިން ނުކެނޑޭ ގޮތަށް ލިބޭނެއެވެ.
ނަމަވެސް، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މިސްކިތު މުވައްޒަފުން އަދި އާންމުންނަށް ސީދާ ޚިދުމަތް ދޭންޖެހޭ ބައެއް ފަންތީގެ މުވައްޒަފުން ”ބަފަރ ޓައިމް“ އިން އިސްތިސްނާވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމާއި ހުސްވަގުތު ދޭނެ ގޮތާ ގުޅޭގޮތުން ސިވިލް ސާވިސްގެ ގަވައިދަށް އިސްލާހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ