ފުލުހުން ހިންގާ މަސްތުވާތަކެތީގެ ކުށްތައް ކުރިއާ އަޅާބަލާއިރު މަދު ކުރެވިއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑާއިގެންނެވި އިރު ފުލުހުން ތެރޭގައި މަސްތުވާތަކެތީގެ ކުށާއި ނުބައި ނުފޫޒުތައް ވަރަށް ގިނަ ކަމަށެވެ.
އޭގެ ތެރޭގައި ފުލުހުން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖްތަމައުއަށް ނެރުން ފަދަ ބޮޑެތި ކުށްތައް ހިމެނޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ހިންގާ މަސްތުވާތަކެތީގެ ކުށްތައް މިހާރު މަދުކުރެވިއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުރީގައި އަޅުގަނޑު ފުރަތަމަ އައިސް ބަލާލިއިރުގައި، ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް އެބަހުރި ޑްރަގް އެންފޯސްމެންޓުގެ ކަންތައްތައް، މިސާލަކަށް ރޭޑުކޮށްގެން ހޯދާ ތަކެތި އަނެއްކާ ވެސް އަނބުރާ މުޖްތަމައަށް ދިޔުމާއި ނުބައި ނުފޫޒުތައް ވެސް ހުރި. އެކަންކަން ވެސް، އެވަކިތައް ވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރެވޭ މަސްތުވާތަކެއްޗާއި މުޖްތަމައުގައި ދައުރުވާ މަސްތުވާތަކެތީގެ އަދަދު މިހާރު މަދުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
"މުޖްތަމައުގެ ތެރޭގައި މަސްތުވާތަކެތި ދައުރުވާ ވަރު މަދުކޮށް، މަސްތުވާތަކެތި އެތެރެ ކުރެވޭ އަދަދު މަދުކޮށް މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ކުށްތައް މަދު ކުރެވިއްޖެ ކަމަށް ސަރުކާރުން ބުނިއިރު، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އައްޑޫއިން މަސްތުވާތަކެތީގެ ކުށްތަކުގައި ހައްޔަރު ކުރި ބަޔަކު ދޫކޮށްލައިފަ އެވެ.
މި ވެރިކަމުގައި 1313 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެފައިވާ ކަމަށް އެ ޕްރޮގްރާމުގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. އަދި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 2588 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން 420 މީހަކު ރިހެބިލިޓޭޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ފުލުހުން ހިންގާ މަސްތުވާތަކެތީގެ ކުށްތައް މަދުކުރެވިއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ