މުއިއްޒު އާއި ސައުދާ އަށް މޮސްޓާގެ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށާއި އެމަނިކުފާނުގެ އެއްބަނޑު ކޮއްކޮ ފާތިމަތު ސައުދާއަށް ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ޕީއެންއެފްއިން އަމާޒުކޮށްފި އެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި މުއިއްޒު އަށާއި ސައުދާއަށް އެ ތުހުމަތުތައް ކުރެއްވީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އެ ތުހުމަތުތައް މޮސްޓާ ކުރެއްވީ ހަތިމުގައި އަތްލައި ހުވާ ކުރަމުންނެވެ.
މޮސްޓާ ވިދާޅުވީ 2023 ވަނަ އަހަރުގެ ކެމްޕޭނުގައި މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުން ޑޮލަރު ނެރުނުތަން އޭނާއަށް ފެނިވަޑައިގެންނެވި ކަމަށެވެ.
"ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފެނުނު ކެމްޕޭނު ތެރޭގައި ދިމްޔާތުން ނެރުނުތަން، އަޅުގަނޑު އަތަށް ދިނީ މާރުކުރަން، އަޅުގަނޑު ދިޔައީ އެ މާރުކޮށްގެން އެ ހަވާލުކުރި މީހަކަށް ހަވާލުކުރީ، ހެރިންސް އައްޅޮ އާއި ރަމީއާ ދެމީހުންނަށް ޑޮލަރުތައް ހަވާލުކުރީ އަޅުގަނޑު އެ ޑޮލަރުތައް މާރުކޮށްފައި،" މޮސްޓާ ވިދާޅުވި އެވެ.
އެ ޑޮލަރުތައް މާރުކުރިއިރު، އެއީ ކޮން ފައިސާއެއްކަމެއް ނޭނގޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި، އެކަން ދޮގުކުރަން ރައީސް އޮފީހުގެ މިނިސްޓަރު، އަބްދުﷲ ނާސިރު އަށާއި އެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި، އާދަމް ރަމީޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.
"ނުކުރޭނެ ދޮގުކުރާކަށް، އަޅުގަނޑު މި ދަންނަވަނީ ހަތިމުގައި އަތްލާފައި އަޅުގަނޑޭ ޑޮލަރު މާރުކޮށްދިނީ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އަޅުގަނޑު މާރުކޮށްދިނިން 1.2 މިލިއަން ޑޮލަރު. އޭގެ ކުރީ ދުވަހު މާރުކޮށްދިނިން 400،000 ޑޮލަރު، އޭގެ ފަހު ދުވަހު ޑިސެމްބަރު 24 ވަނަ ދުވަހު މާރުކޮށްދިނިން 800،000 ޑޮލަރު،" މޮސްޓާ ވިދާޅުވި އެވެ.
މޮސްޓާ އެހެން ވިދާޅުވީ، ދިމްޔާތުން ނެރޭ ޑޮލަރު ކަޅު ބާޒާރުގައި މާރުކުރާ ކަމުގެ އަޑުތައް އިވޭކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މޮސްޓާ ވިދާޅުވީ އޭރުގައި ވެސް ކަޅު ބާޒާރުން ޑޮލަރު މާރުކުރަމުންދިޔަ ބަޔަކު މިއަދު ވެސް އެކަން ކުރާނީ އެގޮތަށް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
މިދިޔަ އަހަރު ސައުދާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި 990،000ރ. އޭނާއަށް މުސާރައިގެ ގޮތުގައި ވަނީ ލިބިފަ އެވެ. މާލީ ބަޔާން ހުށަހެޅިއިރު އެކައުންޓުގައި ހުރީ އެންމެ 78،000ރ. އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައުދާއަށް ސީރިއަސް ތުހުމަތެއް ކުރައްވައި މޮސްޓާ ވިދާޅުވީ ޝަރުއީ ދާއިރާއަށް އަތް ނުބޭނުމަކީ މުއިއްޒުގެ ވައުދެއް ނަމަވެސް، މި ސަރުކާރުގެ ބާރު އޮތް ފަރާތްތަކުން އެކަން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން، ކޯޓެއްގައި ހިނގަމުންދިޔަ މައްސަލައެއް، ފ. ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު، ސައުދާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމުން ވަކި ގޮތަކަށް ނިންމާފައިވާ ކަމަށް މޮސްޓާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު މި އަތްލަނިއްޔޭ ހަތިމުގައި، އަތްލާފައި އަޅުގަނޑަށް ބުނަން ކެރެޔޭ އެއީ މިވެނި ކަމަކާ ގުޅިގެން ވަތްނ ފައިސާއޭ، އެހެންވީމާ މުއިއްޒުގެ އާއިލީ، ލޭގެ ގުޅުންހުރި މީހަކު ޝަރުއީ ދާއިރާއަށް މި އަތް ބޭނިއްޔޭ، އަތް ބާނައިގެން ހުކުމް ނިންމައިދިނީމާ ދިން ތިން މިލިއަން ރުފިޔާއޭ މިއަކީ،" މޮސްޓާ ވިދާޅުވި އެވެ.
ބާރުގެ ބޭނުން ކޮށްގެން ކޯޓުގައި އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމައިދިނުމުން، ސައުދާއަށް ތިން މިލިއަން ރުފިޔާ ލިބުނު ކަމަށް ހަތިމުގައި އަތްލައި މޮސްޓާ ހުވާކުރިއިރު، ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް މިދިޔަ މާޗު މަސްތެރޭގައި ވަނީ ފެންމަތިވެފަ އެވެ.
ސައުދާގެ އެކައުންޓަށް މިލިއަނުން ނަގުދު ފައިސާ ޖަމާކުރި މައްސަލަ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ވެސް އޭރު ފްލެގު ވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެ މައްސަލަ އޭރު ތަހުގީގު ވެސް ކުރި އެވެ.
މި ނޫހުން ގުޅުމުން ސައުދާ ވަނީ އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާނެ ކަމަށް އެއިރު އެއްބަސްވެފަ އެވެ. ސައުދާ ވިދާޅުވީ އެއީ ވިޔަފާރިވެރިއެއްގެ އަތުން އޭނާ ނެންގެވި ސްޓޫޑެންޓް ލޯނެއް ކަމަށެވެ.
"އާދެ، ވިޔަފާރިވެރިއަކު އަތުން ނެގި ސްޓޫޑެންޓް ލޯނެއް އެއީ. ކަމާ ގުޅޭ ހުރިހާ ލިޔުމެއް ވާނީ ބޭންކަށް ހުށަހަޅައިފަ،" ޓެކްސްޓު މެސެޖަކުން ޖަވާބު ދެއްވަމުން ސައުދާ ވިދާޅުވި އެވެ.
ނަމަވެސް، އެ ފައިސާ ދިނީ ކާކުތޯ އާއި އެ ލޯނެއްގެ ފައިސާ ނަގުދުކޮށް ނުވަތަ ކޭޝްކޮށް ހަވާލުކުރީ ކީއްވެތޯ ސުވާލު ކުރުމުން ސައުދާ އެ ސުވާލަކަށް ޖަވާބެއް ނުދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ