މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯގައިވާ ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި، ޒަކާތާ ބެހޭ މައުލޫމާތު ހުރި މިންވަރު ބަލާލުމަށާއި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ”ޒަކާތު ކުއިޒް“ގެ ނަމުގައި ވަނީ ހަރަކާތެއް ފަށާފައެވެ.
ކޮންމެ ދުވަހަކުވެސް މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، އެކްސްޕޯގެ ތިން ދުވަހު ކުއިޒްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ”ގްރޭންޑް ލަކީ ޑްރޯ“އިން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބިގެންދާނެކަމަށް ވެސް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
މި ކުއިޒްގެ ސުވާލުތައް ބިނާކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި، އުސޫލުތަކާއި، ޒަކާތާ ގުޅޭ އަމަލީ ކަންކަމުގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައްޗަށެވެ.
ކުއިޒްގެ އިތުރުން، ޒަކާތާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އަދި ޒަކާތު ހައުސްގެ ޚިދުމަތްތަކުގެ މައުލޫމާތާއި، ހުޅުވާލެވިފައިވާ ”ޒަކާތު ސްކޮލަރޝިޕް“އާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން، ޒަކާތާ ގުޅޭ ފޮތްތަކާއި ލީފްލެޓްތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޒަކާތު ހައުސްއިންއިން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00އިން ރޭގަނޑު 10:00އަށެވެ.
ފައިނޭންޝަލް އެކްސްޕޯގެ ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ