ތަޚުތު 1

﷽ "ﷲ ހިދާޔަތް ދެއްވައިފި އަޅަކަށް ދެދުނިޔޭގައިވެސް އޮތީ ހެޔޮކަމާއި ނަސީބެވެ. ތިމާގެ ހިތާއި ފުރާނަ އިސްލާހުކުރަން ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާށެވެ." *** އަންދަލުސްއާއި ތަންކޮޅެއް ދުރުގައި އޮތް ޖަންގަލީގެ ސަރަހައްދުވަނީ ޚަރީފު މޫސުމްގެ ރަންކުލައިގެން ފެވިފައެވެ. ގަސްގަހާ ގެހިން ފައިބަމުން ދިޔަ ގަދަ ރަތް އަދި ރަން ރީދޫ ފަތްތައް ފިނި ވައިރޯޅިއަކާއެކު ޖައްވުތެރޭގައި އެނބުރެމުން ނަށަމުންގޮސް ބިންމަތީގައި މަޑުޖެހިލަނީ ފަތްތަކުގެ މަޑު ދޫލައެއް ފަތުރަމުންނެވެ. އަސްތަކުގެ ފައިދަށުވެ ފަތްތައް މުރުމުރުވަމުންދާ އަޑު ވައިރޯޅިތަކުގެ ތެރެއަށް ޣަރަގުވަމުން ދިޔައެވެ. ދެ ސަވާރީންގެ ތެރެއިން ޖޯން ކިޔާ ޒުވާނާއިނީ ޔޫރަޕްގެ ދަތުރުވެރިންލާ ފަދަ ހަމުން ހަދާފައިވާ ބޯ ފޭރާމަކާއެކު ކޮނޑުމަތިން ވައްޓާލާފައިވާ ބޯ ކޯޓަކާއެކީ ފިނިން ސަލާމަތްވާން ފިޔަވަޅު އަޅައިގެންނެވެ. މޫނުވެސް ފޮރުވައިގެންނެވެ. ކޮންމެވެސް ވަރަކަށް ހަތިޔާރު އަޅައިގެން ހުރިއިރު ކޮނޑަށް އެއްލާލާފައިވާ ކީސާގައި ދުނިދަނޑިއާއި ދުނިތަކެއްވެސް ހުއްޓެވެ. އޭނަ އަހުގެ ލަގަނުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ އަސް ދުއްވަމުންގޮސް އަންހެންކުއްޖާ އަރައިގެން އިން އަހާ ކައިރިކޮށްލަމުން އަތުގައި ހިފަހައްޓައިިލިއެވެ. ކެތްރީންވެސް ހުރީ ފިނިން ސަލާމަތްވާން ކެލާކުލައިގެ ބޯ ހެދުމެއްލައިގެން މަތިން އިތުރު ކޯޓެއްލައިގެން އުސް ބޫޓަކަށް އަރައިގެންނެވެ. މޫނަށް ވައްޓާފައިވާ ފޮތިކޮޅު ދުރުކޮށްލިއިރު ފިނީގެ ސަބަބުން އެ މޫނުވަނީ ފިޔާތޮށި ކުލަ އަރާފައެވެ. ޖޯން ހެދުމުގެ މަތިން ސާލު އޮޅައިލިއެވެ. "ކެތްރީން....އަޅުގަނޑުމެންނަށް ފިލައިގެން ދެވޭނެ...އަދި މި ޖަންގަލިން ބޭރަށް ނުކުމެވުނުހާ އަވަހަކަށް އާ ދިރިއުޅުމެއް ފެށޭނެ..އެއްވެސް ހުރަހެއް ބިރެއް ނެތް ދުނިޔެއެއްގައި...އެކަމަކު މިހާރު އެންމެ ބޮޑު ނުރައްކަލަކީ މުސްލިމުން.ނަމަވެސް މިހެން ހެދުން އަޅައިގެން ތިބުމުން އެމީހުންނަށް އެނގުމެއްނުވާނެ..." "ޖޯން...އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ޖޯންއާއެކު އުޅެން..އެކަމަކު ހިތް ބުނަނީ ކޮންމެވެސް ނުރައްކަލެއް އެބަވެއޭ...." "އަޅުގަނޑު މިހިރީ ހުރިހާ ނުރައްކަލުން ސަލާމަތްކޮށާދޭން.، ހިމާޔަތްކޮށްދޭން..ކެތްރީންގެ ބޮލުގެ އިސްތަށްޓެއްގައިވެސް ޖެހިލަން ކެރޭނެ އިންސާނަކު މިބިންމަތީގައި ނެތް..އިތުބާރުކުރޭ....." ޖޯން ޔަގީންކަން ދިނެވެ. "އެކަމަކު މުސްލިމުންނަށް ފެނިއްޖެއްޔާ ކިހިނެއްވާނެ؟ އެއީ އެހާ ރަހުމްކުރަން ދަންނަ ބަޔެއްނޫން..އަބަދު އީސާއީންނަށް ދުއްތުރާކޮށް ފޭރި ކިއްލާތަކަށް ހަމަލާދީ އުޅޭ ބަޔެއް....އަޅުގަނޑުމެންގެ ދުޝްމިނުން..އެމީހުންގެ އަތްދަށުވެއްޖެއްޔާ އަޅުގަނޑުމެންގެ ހުރިހާ އުއްމީދުތަކެއް ވަޅުލެވޭނެ...." "ބިރުނުގަނޭ ލޯބިވާ ކެތްރީން..."ޖޯން އޭނަގެ އަތަށް ފިތައިލިއެވެ. "އަަސްލުވެސް ވަރަށް ވަރުބަލިވެއްޖެ....އަސްވެސް ހީވަނީ އިތުރަށް ދަތުރުކުރަން ބޭނުންނުވާހެން.." "މިހިސާބުގައި އޮންނާނެ ކުޑަ ފެންގަނޑެއް..އެހިސާބަށް މަޑުކޮށްލާ އަރާމުކޮށް ކައިގެން އަނެއްކާ ނައްޓާލާނީ...މި ކާނާ ކޮތަޅުގައި އެބަހުރި ރަށުން ގެނައި ހިކި މޭވާއާއި ބޯ ރޮށްޓާއި ޗީޒް...އަދި ހިކިމަސްކޮޅެއްވެސް އެބަހުރި...." ކުޑަތަންކޮޅަކަށް ދަތުރުކޮށްލެވުމާއެކު ކޮންމެވެސް ވަރަކަށް ވިނަހެދިފައިވާ ހިތްގައިމު ސާފު ފެންގަނޑެއް ފެނުމާއެކު ޖޯންގެ ލޮލުން އުފާވެރިކަން ފެނިލިއެވެ. ވިނަތަކުގެ މައްޗަށް ފަތްތައް ވެރިފައިވީ ނަމަވެސް އަސްތަކަށް ވިނަ ކެވޭވަރަށް ވިނަތައް ހުރިކަމީ ނަސީބެކެވެ. ފެންގަނޑަށްވެސް ކޮންމެވެސް ވަރަކަށް ފަތްތައް އެޅިފައިވީ ނަމަވެސް ސާފެވެ. އެމީހުން ގެނައި ހަންތައް އެފެން އަޅާ ފުރައިލިއެވެ. އެއަށްފަހު ކޮތަޅުން ކާނާ ނަގައިގެން އިށީދެ ކާންފެށިތަނާ ދުރުން އިވުނު އަޑަކަށް ސަމާލުވާންޖެހުނެވެ. "ޖަނަވާރެއްގެ އަޑުކަމަށްވެސް ވެދާނެ..ފުއްލާއަކަށް ވެއްޖެއްޔާ ރަގަޅު..އެކަމަކު....."ޖޯންގެ އަޑަށް ހާސްކަމާއި ބިރުވެރިކަން ވަނީ ގަސްތަކުގެ ގޮފިތައް ހެލުމުންނެވެ. ކޮންމެވެސް ބަޔަކު ނޫނީ މީހަކު އެމީހުންނަށް ފާރަލާ ފަހަތުން އަންނަނީހެއްޔެވެ؟ އެއާއެކު ތަންކޮޅެއް ދުރުން އިންސާނެއްގެ ހިޔަންޏެއް ފެނުނުހެން ހީވިއެވެ. "ކެތްރީން..އަވަހަށް އަހަށް އަރާ ވަޑައިގަންނަވާ...ނުރައްކާވެއްޖެ....އެކަމަކު.... މާތް ރަސްކަލާނގެ ކަމަނާ ރައްކާތެރިކުރައްވާށި........"އޭނަ ގެ އަޑުގައިވީ އަވަސްކަމެވެ. އެއާއެކު އޭނައަށް އަވަހަށް ކޮނޑުގައި އެލުވާފައިއޮތް ދުނިދަނޑިއާއި ދިމާލަށް އަތް ދިއްކޮށްލެވުނެވެ. އަމާޒު ހިފުމަށްފަހު އެހިޔަނި ހުރި ދިމާލަށް ދޫކޮށްލީ ޔަގީންކަމާއެކުގައެވެ. އެމީހަކަށް ސަލާމަތްނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ. އޭނައަކީ ދުނިއުކުމުގެ މާހިރެކެވެ. ދުވަހަކުވެސް ދުނި ކަސިޔާރުވެފައެއްނެތެވެ. ނަމަވެސް މިފަހަރު އެ ދުނިދަނޑި ފަތުއަޑު ކިޔާފައި ވައިގެ ތެރޭ މިސްރާބު ހިފިގޮތަށް ހިޔަނި ހުރި ދިމާލަށް އެރި ސިކުންތުކޮޅު ހިޔަނިވެސް ގެއްލުނެވެ. އެމީހަކު މަރުވެގެން ވެއްޓުނީކަމެއް ނޫނީ ދަނޑިވަޅު ބަލާފައި އެއްފަރާތަކަށް ޖެހުނީކަމެއް ޔަގީންކުރާކަށް ނޭގުނެވެ. އޭނައަށްވެސް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. *** އިރުއޮއްސުނުއިރު ފުދޭވަރަކަށް ދުރަށް ދަތުރުކުރެވުނަސް ފިނިގަދަކަމުން ކެތްރީން ލޮޑުވާގޮތްވެއްޖެއެވެ. މޫސުމްގެ ފިނިކަން ގަނޑުގެން ފަދައިން ހަށިގަނޑަށް ވަންނަންފެށިއެވެ. ވައިރޯޅިތައް ބާރުވެލާ ގަސްތަކުގެ ފަތްތައް ހަލުވަމުން ދިޔައީ ބޫން ރާގެއް އަޅުވަމުންނެވެ. ބޮޑު ހިލަގަނޑެއްގެ ފުރަގަހުގައި ދެމީހުން ބޮނޑިވެލައިގެން ތިބިއިރު ޖޯން ދިޔައީ ކެތްރީން މަސަލަސްކުރަން ވާހަކަދައްކަމުންނެވެ. "މިރޭ ނިމޭއިރަށް ހޫނު އަރާމު ކޮޓަރިއެއްގައި އަލިފާނުގެ ހޫނުކަމުގައި ނިދައިލެވޭނެ..ލޯބިވާ ކެތްރީން..ކުޑަކޮށް ހިތްވަރުކޮށްލައްޗޭ..." "އޭރު އެމީހާ މަރުވިތަ؟ ޖޯންއަށް ޔަގީން އެމީހާ މަރުވިކަން؟" "އެހާ ދުރުވެފައި ދުންފިނިގަނޑެއްހެން އޮތީމަ ރަގަޅަށް ނުފެނުނު..." "ޢެމީހުން ބަދަލު ހިފަން އައިއްޔާ ކިހިނެއް ހަދާނީ؟އީސާއީންނަށްވިޔަސް ރައްކާތެރިކަމެއް ނޯންނާނެ..." "ކަމަނާ ހިމާޔަތްކުރުމުގައި ފުރާނަވެސް ދުއްވާލަން ކެރިދާނެ..މިއީ ކަމަނާގެ އައްޑަނަ...އަޅުގަޑުގެ ނޭވާ ހިނގާހާ ހިދަކު ކަމަނާ ހުންނަވާނީ ސަލާމަތުން.." "ވަރަށް ފިނި އެބަވޭ..." ޖޯން އޭނަ ލައިގެން ހުރި ބޯ ޖެކެޓާއި ސާލުން ކެތްރީން ފޮރުވައިލަދިނެވެ. ތަންކޮޅެއް ދުރުން އަސްތަކެއްގެ ފިޔަވަޅުތަކުގެ އަޑު އިވެންފެށުމާއެކު އޭނައަށް ކެތްރީން ގަޔާއި ކައިރިކޮށްލެވުނެވެ. "ޢެމީހުން އެބައާދޭ...." "ކިހިނެއް ހަދާނީ؟ކޮން ބަޔެއް؟" "ޢަދި ނޭގޭ...."އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނަ ހާސްވަނީ ކެތްރީންއާއިމެދުގައެވެ. ކެތްރީންގެ ސަލާމަތަކީ އޭނަގެ އެންމެ ބޮޑު ޒިންމާއެވެ. ހިލަގަނޑުގެ ފަހަތުގައި ތިބުމަކީ ގޯސްކަމެއް ކަމަށް ނިންމާފައި އޭނަ ގަސްތުކުރީ ގަސްތަކުގެ ތެރެއަށް ވަދެ ފިލުމަށެވެ. ކެތްރީންގެ އަތުގައި ހިފައިގެން ބޮދަމުންގޮސް ބޯ ގަސްތަކެއްގެ ނިވަލަށް ވަނެވެ. ދެމީހުންނަށްވެސް ސިއްރު ސިއްރުން އެ އަންނަ ބަޔަކަށް ބަލައިލެވުމާއެކު ސިހޭގޮތްވިއެވެ. ކެތްރީންގެ ލޮލުން ބިރުވެރިކަމުގެ ވިދުން ފެނުނެނެވެ. "މުސްލިމުން...ހާދަ ބިރުވެރިއޭ...." "އެކަމަކު އަޅުގަނޑަށް ހީވަނީ މިވަގުތު އީސާއީންނަށްވުރެ މުސްލިމުންގެ އަތްދަށުވުން ރަގަޅުވާނެހެން...ކެތްރީން.ކަމަނާގެ ހިތް ތެޅޭ އަޑު ބޭރަށް އެބައިވޭ...ހަމަޖެހިވަޑައިގެން ހުންނަވާ...އަޅުގަނޑުމެން އެމީހުންނަށް ނުފެންނާނެ...މިގަސްތައް ހިމާޔަތްދޭނެ.މިފަދަ ވަގުތެއްގައި އެންމެ ބޭނުންވާނީ ހިތްވަރު....." މުސްލިމް ސިފައިން ތިބީ ފޭރާމާއެކު ބޭރުން ސާލުތައް އޮޅާލައިގެން ބޮލުައި ފަގުޑި އޮޅާ މޫނުވެސް ފޮރުވާލައިގެންނެވެ. ދަގަނޑު ދަހަނާ އަޅާފައެވެ.ސިފައިންގެ ޖަމާއަތެކެވެ. އެމީހުންގެ އަތުގައި ވިދަވިދާހުރި ކަނޑިތަކާއި އައްޑަނަތައްވިއެވެ. އަނދިރިކަމަކީ އެމީހުންނަށް ލެއްވި ރަހުމަތެއްކަމުގައި ހީވިއެވެ. ކުއްލިއަކަށް ރަން އަލިތަކުން އެހިސާބު އެއްކޮށް ދިއްލާލާފައި އެންމެން އެކި ދިމާލަށް ޖެހި ޖަންގަލި ތެރެ ހޯދަންފެށިއެވެ. ޖޯންގެ އުއްމީދު ގެއްލެންފެށީ އެމީހުން ފިލާ ތިބި ދިމާލަށް ސިފައިންގެ ދެމީހަކު އަންނަތަން ފެނިފައެވެ. އެތަނުން ނިކުމެވޭކަށްވެސް ނެތެވެ. "ކެތްރީން..ކަމަނާ އަޅުގަނޑުގެ ފަހަތުގައި ހުންނަވާ..ކޮންމެ ފަދަ ހާލެއްގައިވެސް ދުވެ ވަޑައިގަންނަވަން އުޅެފިއްޔާ ސަލާމަތްނުވާނެކަން ހަނދުމަފުޅު ބަހައްޓަވަންވާނެ..."އޭނަ އިރުޝާދުދިނެވެ."މުސްލިމަކު ކައިރިވެއްޖެއްޔާ އަޅުގަނޑުގެ ކަނޑިން އެމީހަކު ދުއްވައިލާނަން..." ކުއްލިއަކަށް އޭނައަށް ސިހުން ލިބުނީ ކުރިމަތިން މުސްލިމް ސިފައިންގެ މީހަކު ފެނުމުންނެވެ. އޭނަ ހިތްވަރުކޮށްލާފައި ކަނޑިން ހަމަލާދޭން މަސައްކަތްކުރިޔަސް އެ އެތިފަހަރު އެރީ އެ ފަހުލަވާނުގެ އައްޑަނައަށެވެ. "ހަތިޔާރު ބަހައްޓާ...ކަލެއަކަށް ސަލާމަތެއް ނުވެވޭނެ..އަހަރެެންގެ މީހުން ވަރަށް ގިނަ.."މުސްލިމް ސިފައިންގެ ޒުވާނާގެ ބާރު އަޑު އެތަނުގައި ގުުގުމައިލިއެވެ. ކެތްރީންއަށް ޖޯންގެ ބުރަކަށީގައި ހިފަހައްޓައިލެވުނެވެ. "ޖޯން..އެމީހުން ބުނާގޮތަށް ހަދާ. ނޫނީ ގަތުލުކޮށްފާނެ.." އެވަރުންވެސް އޭނަ ހުރީ ހިތްވަރާއެކު އެ ސިފައިންނާއި ކުރިމަތިލާން އަޒުމް ކަނޑަ އަޅައިގެންނެވެ. އިރުކޮޅަކަށް ހަމަލާތައް ބަދަލުކޮށްލެވުނުއިރު އޭނައަށް ވިސްނުނީ ސިފައިން އޭނައަށް ދޫކޮށްގެން ތިބިކަމެވެ. އޭރު އެންމެންހެން އެތަނަށް ޖަމާވެއްޖެއެވެ. ދެތިން ފަހުލަވާނުން އޭނަ ހިފަހައްޓާ ބިމަށް ތިރިކޮށްފައި ހައްޔަރުކުރަން އުޅެގަތެވެ. ކެތްރީން ރޮމުން އެމީހުންނަށް އާދޭސްކުރީ ޖޯން ދޫކޮށްލުމަށެވެ. "މިއީ ކަލޭގެ ކާކުތަ؟" "އަޅުގަނޑުގެ ލޯބިވެރިޔާ......"ކެތްރީން ރޫރޫ އަޅާ އަޑަކުން ބުނެލިއެވެ.އޭނަ ދޮގުހަދަން ޖެހިލުންވީއެެވެ. "ކޮންތަނަކަށް ތި ދަތުރުކުރަނީ؟" "ކައިވެނިކުރަން..."ޖޯން މިލާފައިވާ އަޑަކުން ބުނެލިއެވެ. އެމީހުން އެކި ސުވާލުތައް ކުރަމުން އެދެމީހުން ހައްޔަރުކޮށް ދެ އަހަށް ސަވާރުކުރުވިއެވެ. ކެތްރީން އިނީ ފެންކަޅިވެފައެވެ. އޭނައަށް ޖޯން އަބަދަށްޓަކާ ގެއްލެނީހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު އަނިޔާއެއްހެއްޔެވެ؟ އޭނަގެ ހިތް މުސްލިމުންނަށް ލައުނަތް ދިނެވެ. ބަދު ދުޢާކުރިއެވެ. ތަންކޮޅަކަށް ދުއްވާފައި މުސްލިމުންގެ ބާރު އޮންނ ހިސާބަށް ދަތުރުކުރެވުނުއިރު ފޭލިގެތައް ޖަހާފައި ހުރިތަން ފެނުނެވެ. މުސްލިމް ލަޝްކަރު މިތާ ކޭމްޕްޖަގައިގެން ތިބީހެއްޔެވެ؟ އެކި ހިސާބުގައި އަލިފާންގަނޑު ރޯކޮށްފައިވާއިރު ހަގުރާމަވެރިން އެތާގައި ހީފިލުވައިލަން ތިއްބެވެ. ބައެއްމީހުން ސާލުތައް އޮޅާލައިގެންނެވެ.ބައެއް މީހުން އެތާ ތިބިއިރުވެސް ގުރުއާން ކިޔަވަނީއެވެ. އަނެއް ބަޔަކު ނަމާދުކުރަނީއެވެ. ކެތްރީން ގެންދެވުނީ ވަކި ފޭލިގެއަކަށެވެ. އެ ފޭލިގެއަށް އަލިވެފައިވަނީ އެންމެ އުއްބައްތިއަކުންނެވެ. ކެތްރީން ޚިޔާލުކުރަމުން ދިޔައީ ފިލައިގެން ދިޔުމަށެވެ. އެތަނުގައި އިތުރު އެއްވެސް މީހަކު ނެތުމުން ނިކުންނަންވެގެން ތެދުވުނުތަނާ އަންހެނަކު ކާން ހިފައިގެން އައެވެ. "އުޚުތާ..ކަމެއްކޮށްދީފާނަންތަ؟ އަޅުގަނޑުގެ ލޯބިވެރިޔާ ޖޯންވެސް ހައްޔަރުކޮށްފައިވަނީ..އޭނަގެ ހާލު ބަލައިލަދީފާނަންތަ؟" "އެންމެ ރަގަޅު..." ކެތްރީން ފޭލިގޭގެ ފޮތިގަނޑު އެއްލާލާފައި ބޭރަށް ބަލައިލިއިރު ދާދިގާތުގައި ފޯރިމަރަން ސިފައިންގެ ދެމީހަކު ތިބިތަން ފެނުނެވެ. އޭނަ ހެދުމުގެ ތެރޭގައި ފޮރުވާފައިވާ ޚަންޖަރުގެ މުށްގަނޑުގައި ބާރަށް ހިފަހައްޓައިލިއެވެ. "ރަސްގެފާނު ވަަރަށް އުފާފުޅުވާނެކަން ނޭގޭ މިހާ ރީތި އަންހެންކުއްޖަކު ހަދިޔާކުރީމަ..އަގުބޮޑު ހަދިޔާއަކަށްވާނީ.."ސިފައިންގެ މީހުން ދައްކަނީ އޭނަގެ ވާހަކަހެއްޔެވެ؟ ނޫނީ އެހެން އަންހެންކުއްޖަކު ހައްޔަރުކޮށްފައިވަނީ ބާވައެވެ. އޭނަގެ ހިތް ތެޅިގަތީ އިންތިހާ ބާރަށެވެ. އަތުން ޚަންޖަރު ދޫނުވީ ހަމަކިރިޔާއެވެ. އަރަބިންގެ ވާހަކަތައް އަހާފައި ފިތްކަނޑައިގެންދާހާ ބިރުގަންނަ އަންހެންކުއްޖަކަށް މިއީ ހަމ ބޮޑު އަޒާބަކަށް ވާނެއެވެ. އޭނަ ދުޢާކުރަންފެށީ މިމީހުންގެ އަތްދަށުން ސަލާމަތްކޮށްދެއްވުމަށެވެ. އޭނައަށް ބަލައިލެވުނީ އަތުގައިވާ ޚަންޖަރަށެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ