ޕޯޓު ވިއްކާލިޔަސް އަތުލާނަން، ބަދަލެއް ވެސް ނުދޭނަން: ޔާމީން

ދައުލަތުގެ މުހިންމު ކުންފުނިތަކާއި ޕޯޓުތައް ފަދަ ތަންތަން ބޭރުގެ ފަރާތްތަކަށް ވިއްކާލި ކަމުގައި ވިޔަސް، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވެރިކަމެއްގައި އެ ތަންތަން ދައުލަތަށް އަތުލާނެ ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި، ކުންފުންޏެއް ވިއްކާލަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ދެއްކެވި ވާހަކަތަކާ ގުޅިގެން ޔާމީން ވިދާޅުވީ، އެއީ ވަރަށް ޖަޒުބާތީ އަދި ކަންބޮޑުވާންޖެހޭ ވާހަކައެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ ދެން ރާއްޖޭގައި އުފެދޭނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށާއި، ދައުލަތުގެ މުދާ ގަންނަން އުޅޭ ފަރާތްތަކަށް ދުރާލައި އިންޒާރުދެއްވާ ކަމަށެވެ.
ދައުލަތުގެ މުދާ ވިއްކާލުމުގައި ބައިވެރިވާ ފަރާތްތައް، އެއީ ކިތަންމެ ނުފޫޒުގަދަ ނުވަތަ ބޮޑު އާއިލާއެއްގެ ބޭފުޅުން ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަތައް ބައްލަވައި، އެ ވިއްކައިގެން ހޯދާ ފައިސާ "ދަށް ގޮހޮރުގައި ހުއްޓަސް" ޕީއެންއެފްގެ ސަރުކާރަކުން އެ ފައިސާ ހޯއްދަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދުރާލާއި، މި ގަންނަން އުޅޭ މީހުންގެ ގާތުގައި މި ބުނަނީ ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ. އެ މީހުންނަށް ނުތިބެވޭނެ މަޑެއްކޮށް. މީގެ ތެރޭގައި ވިއްކަނީ ކިތަންމެ ބޮޑު މީހަކަށް ވިޔަސް، އަދި އޭނާގެ އާއިލާ ކިތަންމެ ބޮޑު ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަ ބަލާނަން،" ޔާމީން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރަކުން ބޭރުގެ ޖީއެމްއާރް ކުންފުންޏަށް އެއާޕޯޓު ވިއްކާލުމުން، އެތަން އަތުލުމަށްފަހު ދިވެހި ސަރުކާރުން ބަދަލު ދޭންޖެހުނުކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މިފަހަރު ޕޯޓާއި ދެން ހުރި ތަންތަން ވިއްކާލައިފިނަމަ އަމަލުކުރާނެ ގޮތް މުޅިން ތަފާތުވާނެ ކަމަށެވެ. އެގޮތުން ވިއްކާލާ ތަންތަން ހަމަ ދިވެހިރާއްޖޭގައި ހުންނާނެ ކަމަށާއި، އެ ތަންތަނަށް ހިނގާނީ ދިވެހި ވެރިކަމުގެ ހުކޫމާތުގެ ބާރު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ޕީއެންއެފްގެ ވެރިކަމެއްގައި އެ ތަންތަން ދައުލަތަށް އަތުލާއިރު ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުދޭނެ ކަމަށާއި، ބޭރުގެ ކުންފުނިތަކުން ނުވަތަ ގަންނަ ފަރާތްތަކުން ޖެހޭނީ އެ ތަންތަން އެ މީހުންނަށް ވިއްކި ބައެއްގެ އަތުން ފައިސާ ހޯދަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ