މެޓާގެ އޭއައި އެޖެންޓް ޓެކްނޮލޮޖީ ކުރިއަރާ މިންވަރު ލަސް: މާކް ޒަކަބާގް
މެޓާ ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓް ޓެކްނޮލޮޖީ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް އުންމީދު ކުރި ވަރަށް ވުރެ ލަސްވަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް އެއްބަސްވެއްޖެއެވެ. ކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި އެތެރޭގެ ބައްދަލުވުމެއްގައި ޒަކަބާގް ވިދާޅުވީ، ކުންފުނި އަލުން ބައްޓަންކުރުމަށް އެޅި ފިޔަވަޅުތަކުން އަދި ބޭނުންވި ފުރިހަމަ ނަތީޖާ ފެންނަން ފަށާފައި ނުވާ ކަމަށެވެ. މެޓާ އިން ވަނީ މިދިޔަ މޭ މަހު ކުންފުނީގެ މުވައްޒަފުންގެ 10 އިންސައްތަ ވަކިކޮށް، ގާތްގަނޑަކަށް 7،000 މުވައްޒަފުން އޭއައި ޓީމުތަކަށް ބަދަލުކޮށްފައެވެ. ޒަކަބާގް ވިދާޅުވީ މި ބަދަލުތައް ގެނައުމުގައި ކުންފުނީގެ އިސްވެރިންނަށް ވަގުތު ކަނޑައެޅުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އޭއައި އެޖެންޓްތަކުގެ ކުރިއެރުން އުންމީދު ކުރި ދުވެލީގައި ހަލުވިވެފައި ނުވާ ކަމަށެވެ. https://sun.mv/223423 އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް މެޓާ އިން މިއަހަރު 145 ބިލިއަން ޑޮލަރާ ހަމައަށް ހޭދަކުރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. މިއީ މުޅި ޓެކްނޮލޮޖީ ސިނާއަތުން އޭއައި އަށް ކުރާ 700 ބިލިއަން ޑޮލަރުގެ ހޭދައިގެ ބޮޑު ބައެކެވެ. ނަމަވެސް، ކުރިއަށް އޮތް ތިނެއް ނުވަތަ ހައެއްކަ މަސްދުވަހުގެ ތެރޭގައި މި ބޮޑު އިންވެސްޓްމަންޓްގެ ހަގީގީ ފައިދާ މެޓާ އަށް ފެންނަން ފަށާނެ ކަމަށް ޒަކަބާގް އުންމީދު ކުރައްވައެވެ. މި ބައްދަލުވުމުގައި މެޓާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އެންޑްރޫ ބޮސްވޯތު ވަނީ ކުންފުނީގެ މުވައްޒަފުންގެ މައުސް ހަރަކާތްތައް މޮނިޓާކުރާ ސޮފްޓްވެއާއާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ތަހުގީގުތަކުން ދައްކާ ގޮތުގައި މުވައްޒަފުންގެ އެއްވެސް ނާޒުކު މައުލޫމާތެއް އޭއައި ތަމްރީނުކުރުމަށް ބޭނުންކޮށްފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް އަލުން ފަށާނީ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި ބައިވެރިވާ ގޮތަށް (އޮޕްޓް-އިން) އެކަނި ކަމަށެވެ. މެޓާ ކުންފުނިން އޭއައި ޓެކްނޮލޮޖީއަށް ބޮޑު ސަމާލުކަމެއް ދޭން ފަށާފައިވަނީ، މީގެ ކުރިން އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓްތަކެއް ކުރި 'މެޓާވާސް' މަޝްރޫއުން ބޭނުންވި ފަދަ ކާމިޔާބީއެއް ނުލިބި، މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ. ޓެކްނޮލޮޖީގެ ބާޒާރުގައި އޯޕަންއޭއައި އަދި ގޫގުލް ފަދަ ވާދަވެރި ކުންފުނިތަކުން އޭއައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާތީ، މެޓާ އިން ވެސް ދަނީ އެ ކުންފުނީގެ ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ ވަސީލަތްތަކަށް އޭއައި އެޖެންޓުން ތައާރަފުކޮށް، ކުންފުނީގެ މުސްތަގުބަލު އޭއައި އަށް ބަދަލުކުރުމަށް ބިލިއަނުން ޚަރަދުކުރަމުންނެވެ. ނަމަވެސް، މި ބަދަލާއެކު ކުންފުނީގެ އޮނިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކާއި މުވައްޒަފުން ވަކިކުރުމުގެ ސަބަބުން، ކުންފުނީގެ އެތެރޭގެ ހިންގުމަށާއި މުވައްޒަފުންގެ މާޔޫސްކަމާ ގުޅޭގޮތުން މީގެ ކުރިން ވެސް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ