ސޮނީ ކުންފުނީގެ ގޭމް ސީޑީ އުފެއްދުން ހުއްޓާލަނީ
ސޮނީ ކުންފުނީގެ ގޭމް ސީޑީ އުފެއްދުން ހުއްޓާލައި ޑިޖިޓަލް އިންގިލާބަކާ ދިމާލަށް މިސްރާބުޖެހުމަށް އެ ކުންފުނިން ނިންމައިފިއެވެ. ޕްލޭސްޓޭޝަން ގޭމްތައް އުފައްދާ ސޮނީ ކުންފުނީގެ ގޭމް ސީޑީ ނުވަތަ ފިޒިކަލް ޑިސްކުތައް އުފެއްދުން 2028 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހުއްޓާލަން ނިންމުމާއެކު، ގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނި ގޮތުގައި، 2028 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އައު ގޭމްތަކުގެ އެއްވެސް ފިޒިކަލް ކޮޕީއެއް (ސީޑީ) ގޭމް ކުޅޭ ފަރާތްތަކަށް ބާޒާރުން ގަންނާކަށް ނުލިބޭނެއެވެ. ބުދަ ދުވަހު އެ ކުންފުނިން ރަސްމީކޮށް މިކަން ހާމަކޮށް، ކުރިއަށް އޮތް ތަނުގައި މުޅިންވެސް މިސްރާބު ޖަހާނީ ޑިޖިޓަލް އިންގިލާބަކާ ދިމާލަށް ކަމަށް ވަނީ ބުނެފައެވެ. ސޮނީގެ މި ބަހަށް ރިއާޔަތްކޮށް ގޭމިން ސިނާއަތުގެ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ އެކުންފުނީގެ މުޅި ވިޔަފާރި ޑިޖިޓަލް މާކެޓަށް ބަދަލުކޮށް، ކަސްޓަމަރުން ގޭމްތައް ގަނެ ބޭނުންކުރާ ގޮތް މުޅިން ބަދަލުކޮށްލުމަށް ނިންމި ނިންމުމެކެވެ. އައު ގޭމްތަކުގެ ޑިސްކު ކޮޕީތައް ވިއްކުން ހުއްޓާލަން ނިންމި މި ނިންމުމާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، މިއީ ގޭމްތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށާއި ގޭމްތަކުގެ މިލްކުވެރިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މާހިރުން ފާހަގަކުރާ ގޮތުގައި ޑިސްކުތަކަކީ ފަސޭހައިން ހަލާކުވާ އަދި ގިނަ ދުވަސްވުމުން އޭގެ ކޮލިޓީ ދަށްވާ އެއްޗަކަށް ވުމުން، މިއީ ކޮންމެހެންވެސް އަންނާނެ ބަދަލެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ޕްލޭސްޓޭޝަން 4 ނެރުނުއިރު ޑިޖިޓަލްކޮށް ގޭމް ގަނެފައިވަނީ އެންމެ 13 އިންސައްތަ މީހުން ނަމަވެސް، މިހާރު ސޮނީގެ ޖުމްލަ ސޭލްސްގެ 78 އިންސައްތަ ހިއްސާކުރަނީ ޑިޖިޓަލް ވިޔަފާރިއެވެ. މީގެ އިތުރުން މިޒަމާނުގެ ބޮޑެތި އޭއޭއޭ ގޭމްތަކަކީ ސައިޒުގެ ގޮތުން ނުހަނު ބޮޑެތި ގޭމްތަކަކަށް ވުމުން، އާދައިގެ ބްލޫ-ރޭ ޑިސްކުތަކަކަށް އެ ގޭމްތަކުގެ ހުރިހާ މައުލޫމާތެއް ނޭޅެއެވެ. ނަތީޖާއެއްގެ ގޮތުން ޑިސްކު ގަންނަ ފަރާތްތަކަށްވެސް ގޭމް ކުޅުމަށްޓަކައި އިތުރު ޑޭޓާ ޑައުންލޯޑު ކުރަން މަޖުބޫރުވެއެވެ. https://x.com/Stealth40k/status/2072507475606077710 މި ބަދަލާ ގުޅިގެން ކޮންސޯލް އުފައްދާ ކުންފުނިތަކުން ކޮންސިއުމަރުންނަށް ފަހިވާނެ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ގޭމިން ސިނާއަތުގެ މާހިރުން ދެކެއެވެ. މިގޮތުން ޑިޖިޓަލްކޮށް ގަންނަ ގޭމްތަކުގެ ފުރިހަމަ މިލްކުވެރިކަން ކަސްޓަމަރުންނަށް ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާއި، ހަމައެކަނި އޮފިޝަލް ސްޓޯރުން ނޫން ގޮތްގޮތަށް ގޭމް ވައުޗަރުތައް މެދުވެރިކޮށް ގޭމް ގަނެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސޮނީގެ މި ނިންމުމާއެކު ފިޒިކަލް ގޭމްތަކުގެ ޒަމާން އުވިގެންދިޔަ ނަމަވެސް، މިއީ ޑިޖިޓަލް ގޭމިންގެ މުސްތަގުބަލު ކަސްޓަމަރުންނަށް އެންމެ ފައިދާހުރި ގޮތަށް ބައްޓަންކުރުމަށް ލިބޭ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ