އަލްޖީރިޔާ ބަލިކޮށް، ސްވިޒަރލެންޑް ގަދަ 16 އަށް!

2-0 ން އަލްޖީރިޔާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ސްވިޒަރލެންޑް ޖާގަ ހޯދައިފިއެވެ.
ގަދަ 32 ޓީމް ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަރލެންޑުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް އަލްޖީރިޔާ ކޮޅަށް ޖަހާފައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނިޓްގައި ޖެހީ ބްރީލް އެމްބޯލޯ އެވެ. އޭނާ ލަނޑު ޖެހީ 20 އަހަރުގެ މަންޒަމްބީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ޖެހީ އެންޑޯޔޭއެވެ. ފުރަތަމަ ލަނޑު ޖަހަން އެސިސްޓްކުރި މަންޒަމްބީ ވަނީ މުބާރާތުގައި ތިން ގޯލް ޖަހާ، ދެ ގޯލްޖަހަން އެސިސްޓްކޮށް، ފަސް ގޯލް ޖެހުމުގައި ބައިވެރިވެފައެވެ.
މިއީ 88 އަހަރުގެ ތެރޭގައި ސްވިޒަރލެންޑަށް ވަރލްޑްކަޕްގެ ނޮކްއައުޓް މެޗެއްގއި ހޯދުނު ފުރަތަމަ މޮޅެވެ. ގަދަ ސޯޅަ ޓީމްގެ ބުރުގައި ސްވިޒަރލެންޑް ވާދަކުރަން ޖެހޭނީ ކޮލަމްބިޔާ ނުވަތަ ގާނާ އާއެވެ. ގަދަ 32 ޓީމް ވާދަކުރާ ބުރުގެ ފަހު މެޗަކީ ކޮލަމްބިޔާއާ ގާނާ ވާދަކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ