ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި ޝޮޕިން ސެންޓަރެއްގެ ބޭސްމަންޓް ދަށުވެ، އަށް ދުވަސް ވަންދެން ތާށިވެފައި އޮތް ސެކިއުރިޓީ ގާޑަކު ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު އައި ބިންހެލުމުގައި މުޅި އިމާރާތް ބިމާހަމަވިއިރު، ހެރްނާން ސަލާމަތްވީ އޭނާގެ ކައިރީގައި އިން ކުޑަ ސެކިއުރިޓީ ކެބިންގެ ސަބަބުންނެވެ. ކޮންކްރީޓްތައް މައްޗަށް ފޭބި ނަމަވެސް، އެ ކެބިން ހަލާކުނުވެ ހުރުމުގެ ސަބަބުން އޭނާއަށް ނޭވާލާނެ ވައިގެ ޖާގައެއް ލިބުނެވެ. މި ހާދިސާގައި އޭނާ ސަލާމަތްވުން ބެލެވިފައިވަނީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައެވެ.
ވެނެޒުއެލާގެ އުތުރު ސަރަހައްދަށް އައި މެގްނިޓިއުޑް 7.2 އަދި 7.5 ގެ ދެ ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ލާ ގުއައިރާ ސްޓޭޓަށެވެ. މި ހާދިސާގައި 2,200 އަށްވުރެ ގިނަ މީހުން މަރުވެ، 11,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ކާރިސާއެވެ. ބިންހެލުމުގެ ސަބަބުން އެތައް ހާސް އިމާރާތެއް ބިމާހަމަވެ، ގިނަ ބަޔަކު ގެދޮރުެއްނެތި ހާލުގައި ޖެހުނެވެ.
މި ކާރިސާއާ ގުޅިގެން ވެނެޒުއެލާގެ ސަރުކާރުން ކަންތައްތައް މެނޭޖުކުރި ގޮތާމެދު އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ގިނަ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ކާރިސާއަށް އިޖާބަދިނުން ލަސްވެ، އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް، އެ ގައުމުގެ އެކްޓިން ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ ސޯޝަލް މީޑިއާގައި މި ރެސްކިއު އޮޕަރޭޝަން ފާހަގަކުރައްވައި، އިންސާނިއްޔަތުކަމުގެ ބާރު ދައްކުވައިދިން ކަމެއްގެ ގޮތުގައި މިއީ ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ.
ބިންހެލުމަށްފަހު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތުގައި ބައިނަލްއަގުވާމީ ޓީމްތަކުން އިސްކޮށް ތިބި އާބަން ސާރޗް އެންޑް ރެސްކިއު ޓީމުން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. މި ޓީމުގައި އެމެރިކާ، ޕޯޗުގަލް، މެކްސިކޯ، ކޮސްޓަރިކާ އަދި އެލްސެލްވަޑޯރުގެ މާހިރުން ހިމެނުނުއިރު، އޭނާ ސަލާމަތްކުރުމަށްޓަކައި ވިއްސާރައާއި އިތުރު ލޮޅުންތަކުގެ ނުރައްކަލުގެ ތެރޭގައި 100 އަށްވުރެ ގިނަ ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތް ކުރިއެވެ.
ވެނެޒުއެލާގެ ބިންހެލުމުގައި އިމާރާތެއްގެ ދަށުވި މީހަކު 8 ދުވަސް ފަހުން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ