ޒުވާން ޚަތީބުން ތަމްރީންކުރުމުގެ އިތުރު ބުރެއް މިފެށޭ ހަފުތާގައި

ޒުވާން ޚަތީބުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ 5 ވަނަ ބުރު މި ފެށޭ ހަފުތާގައި ފެށުމަށްހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ 4 ބުރެއް މިހާތަނަށް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ އިތުރުބުރެއް މި ފެށޭ ހަފްތާގައި ކުރިއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ބުރުގައި 80 ޒުވާން ޚަތީބުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރުގެ ނައިބް އަލްއުސްތާޛް އަލީ ވަހީދު ވިދާޅުވީ، މި ބުރުގައި ބައިވެރިވުމަށް ހުޅުވާލީ މާލެ ސަރަޙައްދަށް 40 ކުދިން އަދި އަތޮޅުތަކުން 40 ކުދިންނަށްކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މާލެ ސަރަޙައްދުން ކުރިމަތިލި ކުދިންގެ ތަމްރީންތައް ކުރިއަށްދާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައިކަމަށެވެ. އަދި އަތޮޅުތަކުން ބައިވެރިވި ކުދިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"ޒުވާނުން ބާރުވެރިކޮށް ދީނީ ގޮތުން އައު ޖީލެއް އުފެއްދުމަށްޓަކައި މަސައްކަތުގެ އެންމެ މުހިއްމު އެއް ބޮޅެއްގެ ގޮތުގައި މި އަންނަނީ ސެޕްޓެމްބަރު މަހު ޒުވާން ޚަތީބުންނަށް ޚައްސަކޮށްގެން މަހާސިންތާއެއް ބޭއްވުން. 1000 ޚަތީބުން މީގައި ބައިވެރިކުރުމަކީ އަމާޒެއް. ސެޕްޓެމްބަރު މަހުގެ 13 އާ ހަމައަށް 2 ބުރު ގެންދެވޭނެކަމަށް މި ބަލަނީ." އަލީ ވަހީދު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒުވާން ޚަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދާފައެވެ. އެ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަތީބުން ތަމްރީންކުރުމެވެ.
ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ