ރައީސް މައުމޫން އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، އައްޑު އަތޮޅަށާއި ފުވައްމުލަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި، އައްޑޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫން އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮަތީ ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ރޭ 9.00 ން 11.30 އަށެވެ. އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތަށާއި ސިޔާސީ ގޮތުން ރާއްޖެ އަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށާއި އައްޑު އަތޮޅަށް އަންނަމުންދާ ތަރައްގީގެ މައްޗަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި އައްޑު އަތޮޅުގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ކުރިމަގުގައި އައްޑޫ ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ފާއިތުވެ ދިޔަ 33 އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އައްޑު އަށް ޒިޔާރަތްކުރެއްވުނު ކަމަށާއި ނަމަވެސް މި ފަހަރަކީ އޭގެ ތެރެއިން ވެސް ވަރަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި ފަހަރެއް ކަމަށް ވިދާޅުވެ އެކަމަށްޓަކައި އައްޑޫ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ހަތަރު ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި މި ބައްދަލުވުމަށް ފަހު ހާޒިރުވި ބައެއް މީހުންނާ، ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެކި ކަންކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްލެއްވި އެވެ.
މި ބައްދަލުވުން ތައާރަފްކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ، އައްޑު އަތޮޅު، އަތޮޅު ކޮމިޓީގެ ރައީސް މުހައްމަދު ސައުދީ ހަސަން އެވެ. އަދި ވެއަތުވެ ދިޔަ 28 އަހަރުގެ ތެރޭގައި ރާއްޖެ އަށް އައިސްފައިވާ ތަރައްގީގެ މައްޗަށް އަލިއަޅުއްވާލައްވައި، އެޓޮލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން ވާހަކަފުޅު ދެއްކެވި އެވެ.
ޝުކުރު ދެންނެވުމުގެ ގޮތުން، އައްޑު އަތޮޅު އަތޮޅުވެރިޔާ ހުސައިން ސައީދު މުހައްމަދު ދެއްކެވި ވާހަކައިގައި އަތޮޅުގެ ސިއްހީ ޚިދުމަތް މިހާރަށް ވުރެ ފުޅާކުރުމުގެ މައްޗަށް ވަރަށް ބޮޑަށް އަލި އަޅުވައިލެއްވި އެވެ. އަދި އަތޮޅުގައި ތިބެގެން އަތޮޅުގެ ރައްޔިތުންނަށް ވަޒީފާ އަދާކުރެވޭނެ ތަނަވަސް ފުރުސަތުތަކެއް ނެތުމުގެ މައްސަލަ އަށް ވެސް އަލިއަޅުއްވައިލެއްވި އެވެ.
މުހިއްބުއްދީން ސްކޫލްގެ ގޯތިތެރޭގައި ބައްދަލުވުން ހިނގަމުން ދިޔަ އިރު، ޖެހިގެން ހުރި ސ.އަތޮޅު ތައުލީމު މަރުކަޒުގެ ކައިރިން މަގުމަތީގައި ތިބި ގާތްގަނޑަކަށް ތިރީހަކަށް ޒުވާނުން ރައީސް މައުމޫންގެ އިސްތިއުފާ އަށް ގޮވައި އަޑުގަދަކުރި އެވެ. ނަމަވެސް ޝީލްޑް ހިފައިގެން ތިބި ސިފައިންނާއި ފުލުހުން އެ މީހުން އެ ސަރަހައްދުން ފޮނުވައިލި އެވެ. އެ މީހުން އެ ސަރަހައްދުން ފޮނުވައިލުމަށް މަސައްކަތްކުރުމުން އެ މީހުން ވަނީ ސިފައިންނާއި ފުލުހުންނާ ދިމާލަށް ގައު އުކައިފަ އެވެ. ނަމަވެސް މިކަމުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބި ނުވަތަ މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި ބައްދަލުވުން ހިނގަމުން ދިޔައިރު ފުލުހުން ދިޔައީ އައްޑު އަތޮޅުގެ ފަސް ރަށް (ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ) ގުޅުވައިދޭ ލިންކްރޯޑް ހިމެނޭ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓައި ފޯރިމަރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ