ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެމްޑީޕީން ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ނަޝީދު އެހެން ވިދާޅުވެފައި މިވަނީ، ”އަދަދު“ ނޫހުގެ ދެ ނޫސްވެރިޔަކު ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަނޑައަޅައި ޖަލަށް ލުމަށް އިއްޔެ ހުކުމްކުރުމާ ގުޅިގެންނެވެ.
މިރޭގެ މުޒާހަރާގައި ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަމަށެވެ.
އަދި އެ ހައްގަށް އުނިކަން އަންނަ ފަދަ ކަންކަން ސަރުކާރުން ކުރާ ނަމަ، އެއީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ފުދުންތެރިކަމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި އެ ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް ތެދުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ އިރު، އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން 15 ދުވަހަށް އަދި ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައި ވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.
ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އަމުރު ނެރުނު ހަބަރު ގެނެސްދިން ގޮތުންނެވެ. އަދި ޝަހުޒާން ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމުންނެވެ. އެ ދެ ނޫސްވެރިން ވެސް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.
އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ. އަދި މިއަދު ވަނީ ފިޔާޒާއި ހަސަންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކޮންމެ ދުވަހަކު ވެސް މުޒާހަރާކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ