ލީވާނާއި ޝަހުޒާން ދޫކޮށްލަން ގޮވާލައި މާލޭގައި މުޒާހަރާ ކުރަނީ

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ޝަހުޒާން މުހައްމަދާއި ލީވާން އަލީ ނަސީރު ދޫކޮށްލުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ. 
މުޒާހަރާ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއިންނެވެ. 
އާޓިފިޝަލް ބީޗްއާ ހަމައަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ ނަޝީދު މުހާތަބު ކުރެއްވި އިރު، އެތައް ސަތޭކަ ބަޔަކު ޖަމާވެފައި އޮތެވެ.  އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންގެ ޝުއޫރު ފާޅުކުރުމަށް ގެންގުޅުނު ސޯފާއެއް އަތުލުމަށް ފުލުހުން މަސައްކަތް ކުރި މަންޒަރު ވީޑިއޯތަކަށް ވަނީ އަރައިފަ އެވެ. 
އޭގެ ފަހުން މުޒާހަރާގެ ބައިވެރިން އައިސް މަޑުކުރީ ޗާންދަނީ މަގާއިި މަޖީދީ މަގު ހަތަރު އަނގޮޅި ގުޅޭ ހިސާބަށެވެ. އެތަނުގައި އެކި ހިޔާލުތައް ފާޅުކުރަމުން ދިޔަ އިރު، އަދަދުގެ ސީއީއޯ ހުސެން ފިޔާޒް ވެސް ވަނީ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. 
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ހައްޔަރު ކުރި ކަމަށް ބައެއް ރިޕޯޓުތައް ބުނާ އިރު، ފުލުހުން އެކަން ހާމަކޮށްފައެއް ނުވެ އެވެ. 
އެއްވެފައި ތިބި މީހުން ފޮނުވާލަން ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރުމުން، މީހަކަށް އަނިޔާވެ ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު ވެސް ފެނުނެވެ.
އެހެން ނަމަވެސް، މިހާތަށް މުޒާހަރާ ރޫޅާލާފައެއް ނުވެ އެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ނޫސްވެރިން މިނިވަން ކުރަންދެން މެދުނުކެނޑި އިހްތިޖާޖް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ