ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ވަކި ކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އެ މަގާމުތަކުން ވަކި ކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ވަޒީރުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނާ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ވަކި ކުރައްވައިފިނަމަ، ދެން އަންނަ ސަރުކާރެއް ހިންގުމަށް ދަތިވެދާނެ ކަމަށާއި ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކަށް ހުރަސް އެޅިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އެހެންވީމާ އެމަނިކުފާނު ބޭނުންފުޅުވަނީ ވީހާ ވެސް އޮމަންކަމާއި އަމާންކަމާއެކު ސަރުކާރު ބަދަލުވެގެން ދިޔުން ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ މުހަންމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރެއްވުމަށް މަގުފަހިވެފައި އޮތުން ކަމުގައި ވިދާޅުވި އެވެ. އެހެން ނަމަވެސް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވެސް އެބޭފުޅަކު އަމިއްލަފުޅަށް މިހާރު ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ތިއްބެވިނަމަ، އެކަމަށް އެދިވަޑައިގަތުމުން އެބޭފުޅުން ވަކިކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ މަގާމުތަކުގައި މި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވަފާތެރިކަމާއެކު ސަރުކާރަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުން ކަމަށް ވިދާޅުވެ، އެބޭފުޅުން އެ ކޮށްދެއްވި ހިދުމަތްތަކަށްޓަކައި، އެބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ