ފުލުހުންގެ އެންމެ ބޮޑު މިޝަނަކީ ޑްރަގުން ރާއްޖެ ސަލާމަތްކުރުން: މިނިސްޓަރު

ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބުކަމާ އެކު ނިންމަން ޖެހޭ މިޝަނަކީ ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުން ކަމަށް ހޯމް މިނިސްްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
އަސާސީ ތަމްރީނު ނިންމި ފުލުހުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ފުލުހުންނާ މުހާތަބުކުރައްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑްރަގްގެ ވަބާ ކަމަށާއި އެއީ އެތައް އަހަރެއް ވެފައިވާ ހުރަހެއް ކަމަށެވެ. ޑްރަގްގެ ވަބާއަކީ ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުކޮށްލާ ވަބާއެއް ކަމަށާއި އެއީ އާއިލާތަކުގެ ތެރޭގައި އަބަދުމެ ނުތަނަވަސްކަން އޮންނަ މައްސލަައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ އުނދަގޫ މަސައްކަތެއް ކަމަށް ވިޔަސް އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ފާއިތުވި ދެއަހަރާ ބައިގައި، ފުލުހުން ހޯދާފައި ވަނީ ފަހުރުވެރިވާ ފަދަ ކާމިޔާބެއް ކަމަށެވެ. އަސާސީ ތަމްރީނު ނިންމައި އަލަށް ނުކުންނަ ފުލުހުން ވެސް ބައިވެރިވެގެން ކުރާ މަސައްކަތުން މި ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތުގައި ރައްޔިތުން އެދޭ ފަދަ ހައްލެއް އެކަމުގައި ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަސްވެނިވި ފުލުހުން މަސައްކަތަށް ނުކުމެ ކުރިމަތިލާން އޮތް ކުށުގެ މާހައުލު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. 
"ޒަމާނަށް މިއައި ބަދަލާ އެކުގައި ވަކިން ހާއްސަކޮށް ހާއްސަކޮށް ޓެކްނޮލޮޖީއަށް މިއައި ބަދަލާ އެކުގައި ކުށުގެ ވެށި ބަދަލުވެއްޖެ،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުށުގެ މާހައުލަށް އައި ބަދަލުތަކުގެ ތެރޭގައި ޑްރަގް ޓްރެފިކްކުރާ  މީހުން ފައިސާގެ މުއާމަލާތްކުރާ ގޮތާއި އޯގަނައިޒް ކްރައިމް އަދި ސައިބާ ސްޕޭސްގައި ހިންގަމުންދާ ކުށްތައް ހިމެނެ އެވެ. ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިންގެ ކުށްތަކާއި ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކަކީ ވެސް ކުށުގެ މާހައުލަށް އައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަައް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރާ އެކިއެކި ކުށްތަކާއި ސޯޝަލް މީޑިއާގެ ނުފޫޒާ އެކު ކުރާ ކުށްތަކަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ކުށުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކެވެ.
"މިއީ ތިޔަ ހުރިހާ ފުލުހުން މާދަމާއިން ފެށިގެން ކުރިމަތިލާން އޮތް ވެށި. މިފަދަ ޗެލެންޖިން ކުށުގެ ވެށްޓަކަށް ނުކުންނަ އިރު އަސާސީ ތަމްރީނަކުން އެކަނި ނުވެއް ފުދޭނެ،" އިހުސާން ވިދާޅުވި އެވެ.
ކުށުގެ ވެށި އެގޮތަށް އޮތުމުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އިތުރު ތަމްރީނު ހޯދައި ތައްޔާރުވާން ފުލުހުންނަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ