މި މަގާމުން އަޅުގަނޑު މި ވަކިވަނީ އަޅުގަނޑު މި މަގާމަށް އައި ދުވަހަށްވުރެ މާ އުންމީދީ ހިތަކާ އެކު: ރައީސް މައުމޫން

46: 14
ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގަންނަވަނީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހަށްވުރެ މާ އުންމީދީ ހިތަކާ އެކުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމުން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަމުން މިއަދު މެންދުރު ފަހު ދޭއް ޖެހިއިރު ގައުމާ މުޚާތަބުކުރައްވައި ދެއްވި ވަދާއީ ތަގުރީރުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސް ކަމުގެ މަގާމުގައި ދެމިހުރުމުގެ މުއްދަތު މިއަދު ނިމުނު ކަމުގައި ވިޔަސް ގައުމަށް ޚިދުމަތް ކުރެއްވުމަށް އޮތް ފުރުސަތު މި ހިސާބުން ނިމުނީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ދިވެހި ރައްޔިތަކަށް ވީތީ އެ މަނިކުފާނަށް ލިބިދޭ ދިވެހި ރައްޔިތެއް ކަމުގެ ލަގަބަކީ އެ މަނިކުފާނުގެ އެންމެ މަތިވެރި އުފާ ކަމަށާއި އެންމެ މަތިވެރި ފަޚުރު ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
މީގެ 30 އަހަރު ކުރިން އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތް ހާލަތުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖޭގެ ކުރިމަގާމެދު އެ މަނިކުފާނުގެ ހިތްޕުޅުގައިވާ އުންމީދުތައް އާކުރެއްވި އެވެ. އަދި މާދަމާ އިން ފެށިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ މުހައްމަދު ނަޝީދަށާއި އެ މަނިކުފާނުގެ ސަރުކާރަށް މަރުހަބާ ތަކުރާރުކުރައްވައި ގައުމު އެކުވެރިކުރައްވައި ގައުމާއިގެން ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ ކާމިޔާބަށް އެދިވަޑައިގަތެވެ.
ރައީސް މައުމޫންގެ ވަދާއީ ތަގުރީރުގެ ޕީޑީއެފް ފައިލް މި ލިޔުމުގެ ވާތް ފަރާތުގައި އެވަނީ އެވެ.
07: 14
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަން ނިންމަވައި މަގާމުން ވަކިވެވަޑައިގަތުމުގެ ގޮތުން ދިވެހި ރާއްޖޭގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވަދާޢީ ތަގުރީރު ދެއްވަމުން މިހާރު އެބަ ގެންދަވަ އެވެ.
ރައީސް މައުމޫންގެ ވަދާއީ ތަގުރީރުގައި ގައުމާ މުޚާތަބުކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތައް މެދުވެރިކުރައްވަ އެވެ.
(އިތުރު ތަފްސީލު އަންނަނީ..)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ