ގާސިމް ހުންނެވީ ފިއްލަވައިގެނެއް ނޫން، ފުލުހުންގެ އެހީއަށް އެދޭކަށް ނުޖެހޭނެ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެވަޑައިނުގެން ސިއްގަޕޫރުގައި ހުންނެވީ ފިއްލަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހޯދަން ފުލުހުންގެ އެހީއަށް އެދެން ނުޖެހޭނެ ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ. ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމް ހުންނެވީ ފިއްލަވައިގެން ނޫން ކަމަށާއި ފިއްލަވައިގެން ތިބި ބޮޑެތި ކުއްވެރިން ހޯދަން ފުލުހުންގެ އެހީއަށް އެދެން ޖެހޭ ކަމަށެވެ. ކަރެކްޝަނުން އެންގެވި ދުވަހަށް ގާސިމަށް ރާއްޖެ ނާދެވުނީ ދަތުރު ކުރުމުގެ ހުއްދަ ޑޮކްޓަރުން ދީފައި ނުވާތީ އެއާލައިނުން ދަތުރު ނުކުރެވޭނެ ކަން އެންގުމުން ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ދިމާވުމުން ވެސް ގާސިމް ރާއްޖެއައުމަށް އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަމީރު ވިދާޅުވި އެވެ. ގާސިމަށް ފްލައި ކުރުމުގެ ހުއްދަ ނުދޭކަން އަންގާފައިވާ ކަމަށް ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ބޭސްފަރުއާއަށް ދިން މުއްދަތު އިތުރު ނުކޮށްދޭތީ އެމައްސަލަ ސިވިލް ކޯޓަށްވެސް ވަނީ ހުށަހަޅާފަ އެވެ. އެމައްސަލައިގެ ޝަރީއަތްވެސް ވަނީ ފަށާފަ އެވެ. ބޭސްފަރުވާއަށް ގާސިމް އިބްރާހިމަށް ޖުމްލަ 27 ދުވަސް ވަނީ ދީފަ އެވެ. އެއީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދެމުންނެވެ. އެ މުއްދަތު ރޭގެ ބާރައަށް ވަނީ ހަމަވެފަ އެވެ. ގާސިމް އިބްރާހިމުގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ހިތުގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށެވެ. އެ ހުކުމް ގާސިމްގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ