އަލީގެ ތަޞައްވުރު ؛ ޒަމާނީ، ފުދުންތެރި، އެކުވެރި އަދި ތަރުބަވީ ހޯރަފުށި!

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް ޢަލީ ވަޙީދު (ކެންޑިޑޭޓު ނަމްބަރު 1) ނުކުތީ ވަކި ފަރާތެއްގެ ނުފޫޒުގައެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. އަލީ ވިދާޅުވީ އޭނާ ނުކުތީ ހޯރަފުށީގެ ލޮބުވެތި ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް އެނގޭތީ ކަމަށާއި ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ބޭނުންވެފައިވާތީ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ރަށު ފެންވަރުގައި ތަންފީޒުކޮށް، ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ މުހިންމުކަން ޤަބޫލުކުރެވޭތީ ކަމަށެވެ."ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު.. ރަށުން ހޯދޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިކޮށްދޭ ނިޒާމު އަދި ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ޤާނޫނީ ބާރު ލިބިދެވޭ ނިޒާމު، މީގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާގައި 28 އަހަރު އަޅުގަނޑު ހޯދާފައިވާ ތަޖުރިބާގެ އަލީގައި، ކައުންސިލަކީ ހަމައެކަނި ހިންގާ އިދާރާއެއްގެ ބަދަލުގައި، ނަތީޖާ ނެރޭ މުއައްސަސާއަކަށް ހަދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." އަލީ ވިދާޅުވި އެވެ."އަޅުގަނޑުގެ ތަޞައްވުރަކީ 'ޒަމާނީ، ފުދުންތެރި، އެކުވެރި އަދި އިސްލާމީ ތަރުބަވީ ހޯރަފުށި'. ރަށުގެ އިގްތިސާދު ފުޅާކޮށް، އިޖުތިމާއީ ރޫހު އާލާކޮށް، ކައުންސިލުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެވޭނެ ހުރިހާ މަގަކުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަލީ ދެއްވި އެވެ.ހޯރަފުއްޓަކީ މުޅި އަތޮޅަށް ނަމޫނާ ދައްކާ، ފުއްދުންތެރި އަދި އިސްލާމް ދީނަށް ލޯބިކުރާ ރަށަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީން ކަން ވެސް އަލީ އަންނަނީ ދެއްވަމުން ނެވެ.އަލީ ވިދާޅުވީ އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، ހިންގުމަށް ބޭނުންވާ ބަޖެޓާއި، ވަޞީލަތްތައް ހޯދައި، ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ފައިދާ ހުރިގޮތުގައި ހަމަހަމަ ކަމާއިއެކު ދެފުއްފެންނަ ގޮތަށް ޚިދުމަތްދިނުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ރައްޔިތުންނަށް ފައިދާހުރި އެކިއެކި ޕްރޮގްރާމުތައް ހިންގުމާއި އަދި މަޝްރޫއުތައް އޭގެ އެންމެ ބާރުމިނުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށުމެވެ.ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރުކުރުމަށްޓަކައި، ވަޒީފާގެ ފުރުޞަތު އިތުރުކުރުމުގެ މައްސަލައަކީ އަޅުގަނޑު ވަރަށް ބޮޑު އަހަންމިއްޔަތެއްދޭން ބޭނުންވާ ކަމެއް ކަމަށާއި މިކަމުގެ ހައްލަކީ ރަށާއި ގާތުން ފަތުރުވެރިކަން ފުޅާކޮށް ތަރަށްޤީކުރުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ރިވެތި އުޞޫލުގެ ތެރެއިން ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ހުޅުވާލުމާއި، އެކަމަށް މަގުފަހިކޮށްދިނުން ކަމަށް އަލީ ވިދާޅުވި އެވެ.އަލީ ހުންނެވީ ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ރަށުގައި އާ މަޝްރޫއުތައް ފަށައި، ވަޒީފާގެ ބާޒާރު ތަނަވަސް ކޮށްދިނުމުގެ އަޒުމުގައި ރަށުގައި ހުރި އާޘާރީ ތަންތަނާއި، ބިނާތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އެތަންތަނުން މަންފާލިބޭނެ ގޮތްތައް ހޯދުމުގެ އަޒުމުގައި އެވެ.ޒުވާނުން ބާރުވެރިކުރުވުމާއި، އިޖްތިމާއީ މަސައްކަތުގައި ކަނބަލުންގެ ދައުރު އިތުރުކޮށް ފުޅާކުރުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަން ފާހަގަ ކުރައްވާ އަލީ އިތުރަށް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ފަންނީ ތަމްރީނު ރަށުގައި ތިބެގެން ލިބޭނޭ މަގު ފަހިކުރުމާއި، ކުލަބް ޖަމްޢިއްޔާތަކުގެ ދަފްތަރެއް އެކުލަވާލެވި، އެފަދަ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާޢި އެހީތެރިކަން އެންމެ ފުރިހަމަގޮތުގައި ދެވޭނެ ވަޞީލަތްތަށް ހޯދައިދިނުމަށް މަގުފަހިކޮށްދީ، ކުލަބް ޖަމްޢިއްޔާތަށް މިނިވަން ރޫޙެއްގައި ކުރިޔަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ. "ޕީއެންސީގެ ސަރުކާރުން ހޯރަފުއްޓަށް ދޭ އަހަންމިއްޔަތު މިހާރު ހިނގަމުންދާ މަޝްރޫއުތަކުން ފެންނަން އެބަހުރި.. ތަރައްޤީއަކީ ހުއްޓުމެއްނެތް މަރުހަލާއެއް.. ހޮސްޕިޓަލުގެ މަސައްކަތް އެދަނީ ކުރިޔަށް، މަގު ހެދުމުގެ މަސައްކަތްތައް އެގެންދަނީ ކުރިޔަށް.. ކުނިމެނޭޖުކުރުމުގެ މަސައްކަތް މިހާރު އެއޮތީ ފެށުމުގެ މަރުޙަލާގައި އަޅުގަނޑުމެންގެ ޓީމު މި ނުކުތީ އެ ތަރައްޤީ އިތުރަށް ހަލުވިކޮށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ރަށަށް ބޭނުންވާ ކަންކަން ޙާސިލުކުރުން" އަލީ ވިދާޅުވި އެވެ.އަލީ ވިދާޅުވީ އޭނާގެ މަސައްކަތަކީ ހޯރަފުށި ޕްރޮމޯޓް ކުރުން ކަމަށާއި އެވަގުތެއްގައި އޮންނަ ސަރުކާރަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ރަށަށް ތަރައްޤީ ހޯދަން އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް ލާބަހުރި ކަންކަން ކޮށްދިނުން ކަމަށްވާތީ، އެކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ރަށަށް އެންމެ ފައިދާހުރި ގޮތް ކަމަށް އަލީ ދެކިލައްވަ އެވެ."އަޅުގަނޑަށް ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް. އަޅުގަނޑުގެ ދުޢާއަކީ ރައްޔިތުންގެ ތާޢީދާއި، ޓީމުގެ ބުރަ މަސައްކަތުން، ﷲ ގެ ހެޔޮ ރަޙުމަތާއިއެކު މި ގޮނޑިތައް އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން ދިއުން.. ހޯރަފުށީގެ ރައްޔިތުން އެދޭ ތަރައްޤީއާއެކު ކުރިއަށްދެވޭނެ މަގު ފަހިވެގެން ދިއުން.. މުޅި ހޯރަފުއްޓަށް ތަނަވަސްކަމާއި، ތިޔާގެކަން މިންވަރުކޮށްދެއްވުން.." މާދަމާ އޮންނަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ކުރިން އަލީ މިއަދު ހަވީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ