ޔަހޫދީ ފައުޖުތައް ނުފައިބާނަމަ ޙަމާސުން ހަތިޔާރު ބެހެއްޓުމުގެ މަޝްވަރާވެސް ނުކުރާނެ

ފަލަސްޠީނުގެ ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ފައިބާނެކަމުގެ ޔަޤީނަކަން ލިބުމުގެ ކުރިން، ހަތިޔާރު ބެހެއްޓުމުގެ މަޝްވަރާވެސް ކުރަން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދެކޮޅު ހަދައިފިއެވެ.
ޔަހޫދީނަށް އެންމެ ބޮޑަށް ވާގިވެރިވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙައިގެ ޕްލޭނުގެ ދަށުން ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ މުޙިއްމު ޝަރުތެކެވެ. އޭގެ ބަދަލުގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޖަމާކޮށްފައި ތިބި ޔަހޫދީ ސިފައިން ފޭބުން ވެސް އެ ޕްލޭނުގައި ހިމެނެއެވެ.
ހަތިޔާރު ބެހެއްޓުމާ ގުޅޭގޮތުން، ޙަމާސްގެ ވަފުދެއް މިދިޔަ ބުދަ ދުވަހު ވަނީ ތުރުކީވިލާތާއި މިޞްރު އަދި ޤަތަރުގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ. އެ ތިން ޤައުމުން ދަނީ ޓްރަމްޕްގެ ޕްލޭނު ތަންފީޒުކުރުމަށް މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން ހުއްޓައިލީ ޓްރަމްޕްގެ ޕްލޭނަށް ޖާގަ ދިނުމަށްކަމަށް ބުނެއެވެ. ނަމަވެސް، އޭގެފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ޙަމާސުން ވަނީ ގިނަ ޝަރުތުތަކެއް އެ ބައްދަލުވުމުގައި ހުށަހަޅައިފައެވެ. އޭގެތެރޭގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީންގެ ފައުޖުތައް ފައިބާނެކަމުގެ ޔަޤީންކަން ހިމެނެއެވެ.
މިގޮތުން، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް، ޣައްޒާގެ އިތުރު ސަރަޙައްދުތަކަށް ޔަހޫދީން އަތްގަދަކޮށްފައިވާކަން ޙަމާސުން ފާހަގަކުރިކަމަށް އެ ނޫހުން ބުންޏެވެ.
އެހެންކަމުން، އެ ކަންކަމަށް ޙައްލެއް ލިބުމުގެ ކުރިން، ހަތިޔާރު ބެހެއްޓުމުގެ އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންނުވާކަން ޙަމާސުން ސާފުކޮށް ބުނެފައިވާކަމަށް ރޮއިޓަރސުން ބުންޏެވެ.
ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.
އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް މިހާތަނަށް ޣައްޒާގެ 700އެއްހާ ރައްޔިތުން ޝަހީދުވެ 1،600އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި މިހާތަނަށް 72،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
މީގެއިތުރުން، އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ޣައްޒާއަށް ތެލާއި މުދާ ވެއްދުމަށް ޔަހޫދީން ވަނީ ހުރަސްއަޅައިފައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނެ މަގުތައް ބަންދުވެފައިވާއިރު އެ ސަހަރުގައި އަނެއްކާ ވެސް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ