ރޭ ދަންވަރު އައްޑޫއަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް މިއަދު ހެނދުނު ވަނީ ހިދުމަތް ދީފައި: ފެނަކަ

ރޭ ދަންވަރު އައްޑޫއަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް މިއަދު ހެނދުނު ހިދުމަތް ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ބުނީ ރޭ މެންދަމު 1:45 ހާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުން އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި މައްސަލަ ހައްލުކޮށް މިއަދު ހެނދުނު ހިދުމަތް ދޭން ފެށުންކަން ފާހަގަކޮށް ފެނަކައިން ބުނީ އަލުން ކަރަންޓު ދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ތަހުގީގުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން ފާހަގަކުރެވުނު ކަންތައްތައް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން ދާކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ. މިފަދަ ވަގުތެއްގައި ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް މައާފަށް އެދެމުން ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އެއްވެސް ދައްޗެއް ނުވާ މިންވަރަށް ކެޕޭސިޓީ ގާއިމުކުރެވިފައި ހުރި ކަމުގެ ޔަގީންކަންވެސް އަރުވާކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މި މަސައްކަތުގެ ތެރެއިން ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރު ގެނައުމާ، އިޔާދަ ކުރުވަނިވި ހަކަތަ އިތުރުކުރުމާ، ނެޓްވޯކް ސިސްޓަމް ރަނގަޅުކުރުމާއި، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބޭނުންވާ ބެޓެރީ ސްޓޯރޭޖް އިތުރުކުރުމާއި، އަދި މިދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޖުމްލަ 115 މެގަވޮޓުގެ ކެޕޭސިޓި ހިމެނޭ 157 ޖަނަރޭޓަރު އެކި ރަށްރަށުގައި މިހާރު ބެހެއްޓިފައިވާކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްގީ އާއެކު އިތުރުވަމުންދާ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި 6 އައު އިންޖީނުގެއެއް އިމާރާތް ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ