ހެލިކޮޕްޓަރު ވައްޓާލުމުން އެމެރިކާގެ ބަދަލު ހިފުމުގެ ހަމަލާތަކެއް

އެމެރިކާގެ ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން، އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ޖާސޫސީ މައުލޫމާތު އެއްކުރާ ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރޭޑާ ސައިޓުތަކަށް ވަނީ ހަމަލާދީފަ އެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން ބަހްރޭނާއި އުރުދުންގައި ހުރި މަރުކަޒުތަކުގެ 21 ތަނަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފަ އެވެ. ހަމައެއާއެކު، ކުވެއިތުގެ އަސްކަރިއްޔާއިން ވެސް ވަނީ އެ ގައުމަށް އަމާޒުވި ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން ދިން މި ހަމަލާތަކަކީ "އެކަށީގެންވާ ވަރުގެ ރައްދު ހަމަލާތަކެއް" ކަމަށް އެމެރިކާއިން ސިފަކުރެ އެވެ.
ހެލިކޮޕްޓަރުގައި ތިބި ދެ ޕައިލެޓުން އެމެރިކާގެ ކަނޑުގެ ޑްރޯންއެއް ބޭނުންކޮށްގެން ސަލާމަތްކޮށްފައިވާ ކަމަށް ސެންޓްކޮމްއިން ކުރިން ބުނެފައިވެ އެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި އެ ބާވަތުގެ އުޅަނދެއް ބޭނުންކުރިކަން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހެލިކޮޕްޓަރަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރީ ޑްރޯންއެކެވެ. ނަމަވެސް، އީރާނުގެ ޑްރޯންއިން ހަމަލާދިނީ ގަސްތުގައި ކަމެއް ނުވަތަ ނޫންކަން ސާފުނުވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބީބީސީގެ ޕާޓްނަރު ސީބީއެސް ނިއުސްއަށް މައުލޫމާތު ދީފައިވެ އެވެ. އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރު ވައްޓާލުމުގެ ޒިންމާ އީރާނުން ރަސްމީކޮށް އުފުލާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ