ޗައިނާ ކްރޫޒް ބޯޓެއް އަލަށް ރާއްޖެއަށް ބަނދަރުކުރަނީ

ޗައިނާގެ ކްރޫޒް ޝިޕެއް ފުރަތަމަަ ފަހަރަށް ރާއްޖެ އައުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓު ރާއްޖެއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 7:00 ގައެވެ. އަދު ހަމައެދުވަހުގެ އިރުއޮއްސި 6:00 ޖަހާއިރު ބޯޓު ފުރުމަށް ވަނީ ތާވަލުކޮށްފައެވެ. މި ތާރީޚީ ދަތުރާ ގުޅިގެން ބޯޓުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މާޔާ އިން ބުނި ގޮތުގައި ޗައިނާ އިން ކްރޫޒް ޝިޕެއް އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލުމަށް އެ ޖަމިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް މާޔާއިން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް 14,000 އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒް ޝިޕުތަކުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ