އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ އާންމުންނަށް ދެމުންދާ ހަމަލާތަކަށް މާލީ ގޮތުންނާއި އެ ނޫން ގޮތް ގޮތުން އެހީތެރިވާ "ނެޓްވޯކްތަކާ" ދެކޮޅަށް އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނޯވޭ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
މި ފަސް ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅުތަކަކީ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ހިންގަމުންދާ ބިރުވެރި އަދި އަނިޔާވެރި އަމަލުތަކަށް އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
މީގެ އިތުރުން، ފްރާންސުން ވަނީ އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެކެވެ.
އެ ގައުމުތަކުގެ ނިންމުމަކީ "ލަދުވެތި" ފިޔަވަޅުތަކެއް ކަމަށް ބުނެ އެކަން ބަލައިނުގަންނާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އަދި މިއީ އަނިޔާވެރިކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއްގެ ނަމުގައި ހިންގާ ސިޔާސީ އަމަލުތަކެއް ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.
1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފި ފަހުން، އެ ސަރަހައްދުތަކުގައި 700،000 ޔަހޫދީން ދިރިއުޅޭ ގާތްގަނޑަކަށް 160 އާބާދީއެއް ވަނީ ބިނާކޮށްފަ އެވެ. ފަލަސްތީނުގެ ރައްޔިތުން އުންމީދު ކުރަނީ ޣައްޒާއާއެކު މި ސަރަހައްދުތަކަކީ މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތުގެ ބައިތަކެއް ކަމުގައި ހެދުމަށެވެ. މިހާރު ވެސް އެ ސަރަހައްދުތަކުގައި 3.3 މިލިއަން ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދެ އެވެ.
ޔަހޫދީންގެ ނެޓްވޯކްތަކަށް ހުޅަނގުގެ ފަސް ގައުމަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ