އޮންލައިން ނޫސް 'ދައުރު' ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ ކުންފުނި ކަމަށްވާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ހުށަހެޅި އަބުރުގެ ދައުވާ ސާބިތުނުވަނީސް އެ ރިޕޯޓު ނަގަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެޕްރީލް 28، 'ދައުރު' ނޫހުގައި ޝާއިއުކުރި "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.
އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ކަނޑައަޅައިދީ، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އަދި އެ މައްސަލަ ކޯޓުން ބަލައި ނިމެންދެން ވަގުތީ ފިޔަވަޅެއްގެ ގޮތުން، އެ ލިޔުން އާންމުންނަށް ނުފެންނާނެހެން ހެދުމުގެ އަމުރަކަށް ވެސް އަޒާންގެ ފަރާތުން ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" އަށް ބަދަލުކޮށް އެ ލިޔުން އާންމުންނަށް ނުފެންނަ ގޮތް ހެދުމަށެވެ. އެގޮތަށް ނިންމީ ޑްރާފްޓް ސްޓޭޓަސްއަށް ބަދަލުކުރުމަކީ އެ ލިޔުން ޑިލީޓް ކުރުން ކަމުގައި ނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
"މި ލިޔުމުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ ދައުވާ ކުރާ ފަރާތުގެ މައުޟޫއީ ހައްގެއް މައްސަލަ ފުރަތަމަ ބެލުމުން އެނގެން އޮންނާތީ އާއި ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއްގެ ސަބަބުން، ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލުކުރެވެން ނެތަތީ،" އެ އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.
އެ މައްސަލާގައި އަޒާން އެދިވަޑައިގެންފައިވަނީ އެ ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައި، އެ ލިޔުން ނޫހުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލަ ރެޖިސްޓްރީ ކުރުމަށް ދެއްކި ފީ ވެސް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަކީ 1989 ވަނަ އަހަރު، އޭރުގެ 'ހަވީރު' ނޫހުން ނޫސްވެރިކަމުގެ މަސައްކަތް ފެށްޓެވި ގޮތަށް މިއަދާ ޖެހެންދެން ވެސް ނޫސްވެރިކަމުގެ މަސައްކަތުގައި ދެމިހުންނެވި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. 'ހަވީރު' ނޫހުގެ އެކި ފަންތީގައި މަސައްކަތްކުރައްވައި، އެ ނޫހުގެ އެޑިޓަރު ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ. 'ދައުރު' އުފައްދަން މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އޭނާ ހުރީ 'މިހާރު' ނޫހުގެ އެޑިޓަރު ކަމުގެ މަގާމުގަ އެވެ.
ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރު އަޒާންގެ ފަރާތުން މި ދައުވާ އުފުލިއިރު، 'އަދަދު' ގެނެސްދިން ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި، އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް ވަނީ އުފުލިފަ އެވެ. އަދި އެ މައްސަލައިގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި އަދަދު ނޫސްވެރިންކަމަށްވާ ޝަހުޒާން އަދި ލީވާން ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ.
އަޒާން ހުށަހެޅި އަބުރުގެ ދައުވާ ސާބިތުނުވަނީސް ދައުރު' ނޫހުގެ ރިޕޯޓު ނަގަން ސިވިލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ