މާދަމާ ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ، މިނިވަންކަމާ އިންޞާފުވެރިކަމާއެކުކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. މި އިންތިޚާބުގައި ދެލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.
ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބުތަކުގެ ވޯޓުލުމުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނުރަނގަޅު އެންމެހާ ނުފޫޒަށް ލެނބުމެއް ނެތިކަން ކަށަވަރުކުރުމަށް ކޮމިޝަނުންކުރަންޖެހޭ ހުރިހާކަމެއްވެސް ކޮށްފައިވާކަމަށެވެ. އެކަމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ އެއްބާރުލުން ކޮމިޝަނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"ވޯޓުލުމުގެ އެންމެހައި ކަންތައްތައް އިންޞާފުވެރިކަމާއި، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާ، ސަރުކާރުގެ ވުޒާރާތަކާ، ސިޔާސީ ޕާޓީތަކުންނާ، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާ، ޢާންމު ރައްޔިތުން މިހާތަނަށް ދެއްވާފައިވާ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި، އިންތިޚާބުގެ މަސައްކަތްތައް އެއްކޮށް ނިމެންދެން، އެފަދަ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން މި ކޮމިޝަނަށް ލިބެމުން ދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން." ޒާހިދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، 225 ދާއިރާއިން، 678 މަޤާމަށް 1,368 ކެންޑިޑޭޓުން، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 225 ދާއިރާއިން 678 މަޤާމަށް 1,593 ކެންޑިޑޭޓުންވަނީ ކުރިމަތިލާފައެވެ. މި އިންތިޚާބުތަކުގައި ޖުމުލަ 294,876 ރައްޔިތުންނަށް ވޯޓުދިނުމުގެ ޙައްޤުވަނީ ލިބިފައެވެ. މި ފަރާތްތަކަށް ވޯޓުލުމުގެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެއްސުމަށްޓަކާ، ޖުމުލަ 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިއިންތިޚާބު އޮބްޒަރވްކުރުމަށް، ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1,626 ފަރާތަކާ، ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް ހަރަކާތްތެރިވާނެކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި އިންތިޚާބުގެ ކަންކަން މޮނީޓަރ ކުރުމަށް، 3,275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާނެކަމަށެވެ.
ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ މިނިވަންކަމާއި އިންސާފާއެކު: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ