މިނިވަންކަން ދެމެހެއްޓުމުގައި ހުޝިޔާރު ވެގެން ތިބުމަށް މައުމޫން ގޮވާލައްވައިފި

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ހުޝިޔާރުކަމާއެކު ފާރަވެރިވެ ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ޚިތާބެއްގައި ވަނީ މިނިވަންކަން ގެއްލިދާނެ ފަދަ ބިރުވެރި ތަޖުރިބާތަކާ ރާއްޖެއިން މީގެ ކުރިން ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންވެ އެފަދަ ކަންކަމަށް ހުޝިޔާރުވެގެން ތިބުމަކީ އެންމެންގެ ވާޖިބެއް ކަމަށް ވިދާޅުވެފަ އެވެ.ހަތިޔާރު ބޭނުންކޮށްގެން ނޫނަސް މިނިވަން ކަމަށް ބުރޫ އަރާނެ ކިތަންމެ ކަމެއް ކުރެވިދާނެ ކަމަށާއި އެގޮތުން ސިޔާސީ ހަމަނުޖެހުން އުފެދުމާއި ބައިބައިވުމާއި ދީނީ ވަހްދަތު ގެއްލި ހަރުކަށި އޮއިވަރުތަކުގެ ބާރު ގަދަވުމާއި އިގްތިސާދީ ގޮތުން ބޮޑެތި ބާރުތަކުގެ ނުފޫޒު ދަށުވުމުން ހިމެނޭ ކަމަށް ވެސް އެ ހިތާބުގައިވެ އެވެ."ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިިކުރަން ބޭނުން ނަމަ އަޅުގަނޑުމެން ދިވެހިން ތިބެން ޖެހޭނީ މި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެންނެވެ. މިފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް ނުހަނު ވަރުގަދަ އަޒުމަކާ އެކު ކަމަރު ބަނދެގެންނެވެ." އެ ޚިތާބުގައިވެ އެވެ.މިއަދު ދިވެހިން ތިބީ ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ހަރުދަނާ ބިންގަލެއްގެ މަތީގައި ކަމަށާއި ދިވެހިން ތިބީ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކުރަން ތައްޔާރަށް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެން އޮތްހާ ހިނދަކު ރާއްޖެ އޮންނާނީ ފުރިހަމަ މިނިވަންކަމާ އެކު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ