އެފްއޭއެމް އިންތިހާބު: ޔޫވީއާއި ދަގްރާންޑޭ ވެސް ބައްސާމަށް ތާއީދު ކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ މަހު ބާއްވަން ނިންމާފައިވާ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއިދު ކުރުމަށް ޔުނައިޓެޑް ވިކްޓަރީއާއި ދަ ގްރާންޑޭ އިން ނިންމައިފި އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އެފްއޭއެމްގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް ބައްސާމް މީގެ ކުރިން ވެސް ބުނެފައިވާ އިރު އިއްޔެގެ ވަގުތެއްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ބައްސާމްގެ އެދިލެއްވުމަކާ ގުޅިގެން އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް އެ ބައްދަލުވުނު ބޭއްވި އިރު ކުރިއަށް އޮތް 45 ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ހިންގާ ކޮމިޓީން އޭރު ވަނީ ފާސްކޮށްފަ އެވެ. ބައްސާމުގެ ކުއްލި ނިންމުމާ އެކު ފުޓުބޯޅަ އާއިލާ އެލާޓަށް އައިސްފައިވީ ނަމަވެސް އޭނާ ފިޔަވާ އިތުރު ބޭފުޅަކު މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް މި އިންތިހާބުގައި ބައިވެރިވެވޭ ބައެއް ކުލަބުތަކުން ބައްސާމަށް ތާއީދު ކުރާ ކަން ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި މާޒިޔާއާއި ގްރީންސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ޔޫވީގެ އިތުރުން ދަ ގްރާންޑޭ ހިމެނެ އެވެ. މީގެ އިތުރުން ދެވަނަ ޑިވޝަނުގައި ވާދަކުރާ ޕީކޭ އިން ވެސް ބައްސާމަށް ވަނީ ތާއީދުކޮށްފަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ކުލަބުތައް އިސްނަގައިގެން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށް ބައްސާމް މަގާމުން ދުރުކުރުމަށް ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ބާއްވަން ބައެއް ކުލަބުތަކުން މަސައްކަތް ކުރި ނަމަވެސް މެޖޯރިޓީ ކުލަބުތަކުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ