ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމުޢިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމުޢިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.
ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ