ދަރަނިވެރިންގެ ގައިން ނުބައިވަސް ދުވާހަކަ ބުނެވުނީމާ އެއީ ކޮންގޮތަކަށް ދުވާ ވަހެއްކަމާއިމެދު ސުވާލުކޮށްފާނެއެވެ. އެކަން ހިނގާ ގޮތް ކިޔައިދޭނަމެވެ. ފުރަތަމަ ކަމަކީ ކޮންމެ މީހަކުވެސް އެކުވެރިންގެ އަތުން ދަރަންޏަށް ފައިސާ ނަގާނީ ކޮންމެވެސް މުހިންމު ބޭނުމެއް ޖެހިއްޖެ ކަމަށް ބުނެއެވެ. މިއުޅެނީ އަގުބޮޑުފޭރާމާ ގަހަނާތަކާ އަގު ބޮޑު ކާރު ނުގަނެވިގެން ކަމަކަށް ނުބުނާނެއެވެ.
އެކުވެރިޔާގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދި އެދިގެން އައި މުހިންމު ބޭނުން ފުއްދަން ފައިސާ ދިނީމާ ހިފައިގެންގޮސް ފައިސާ ހޯދި ބޭނުން ނޫން އެހެން ބޭނުމެއް ކުރީމާ އެހެދުނީ މަކަރާ ހީލަތެކެވެ. އެކުވެރިޔާއަށް ޚިޔާނާތްތެރިވެސް ވެވުނީއެވެ. އެކަންވާނީ ބޮޑު އޮޅުވައިލުމަށެވެ.
ދަރަންޏަށް އެފައިސާ ހޯދި ބޭނުން ނުފުއްދައި އަމިއްލަ އެހެން ބޭނުންތައް ކުރީމާ ތެދުވެރިކަން ގެއްލުނީއެވެ. ޚިޔާނާތްތެރިވެވުނީއެވެ. ފާފަވެރިވީއެވެ. އެހިސާބުން އޭނާ ކިތަންމެ ރީތި އަގުބޮޑުފޭރާންލައި ކިތަންމެ އަގުބޮޑު ސެންޓު ޖެހިނަމަވެސް އޭނާގެ ގައިން ނުބައި ކުނިވަސްދުވާނެއެވެ. އަހުރެމެންނަށް ނުދުވިނަމަވެސް މަލާއިކަތުންނަށް ދުވާނެއެވެ.
ދަރަނިވެރިވުމަށް ބިރުވެތިވެ ދަރަނިވެރި ނުވެ ތިބި މީހުންނޭވެ! ދެން ހަމަ އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! ދަރަނިވެރިވުމަކީ ހަދިމުޑުދާރުކަމެކެވެ. ދެދުނިޔެ ގެއްލިގެންދާ ކަމެކެވެ. ޖަހާ އަގުބޮޑު ސެންޓަކުން ދަރަނިވެރިންގެ ގައިން ދުވާ ދަރަނީގެވަސް ފިލުވައެއް ނުލެވޭނެއެވެ.
ދަރަނިވެރިންނޭވެ! ނުކައި ހުރެގެންވެސް ދަރަނި އަދާކުރާށެވެ! ދަރައި އޮވެ ލާ ރީތި ފޭރާމުން، ދުއްވާ އަގުބޮޑު ކާރުގެ އޮތީ ކޮން ރީތިކަމެއް ހެއްޔެވެ؟ ތިބާއަށް ދަރަނި އަދާކުރެވެން ނެތް ނަމަ އެކަމާއި އަޅައި ނުލައި ނުހުންނާށެވެ! އަވަހަށް ގޮސް މާފުކުރުމަށް އެދޭށެވެ!
ޞަހާބީއަކު އަވަހާރަވިއިރު ދަރަނީގަ އެންމެ 2 ދިރްހަމްވަރު އޮތުމުން ދަރަންޏާއި ޞަޙާބީއަކު ޙަވާލުވެވަޑައިގަތުމުން ނޫނީ ރަސޫލް ﷺ އެޞަހާބީގެ ކަށުނަމާދުކޮށް ނުދެއްވެވިކަން ހަނދާންކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ ހުރިހާ ފާފަތައް ފުއްސަވާއިރުވެސް ދަރަނި ނުފުއްސަވާކަން ހަނދާނަށް ގެންނާށެވެ!
އެއްބައަކު ދަރަނިވެރިވަމުންދަނީ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތިގެން ކަމުގައިވީނަމަވެސް މިއަދު ގިނަ ބައަކު ދަރަނިވެރިވަމުންދަނީ ދިރިއުޅުމުގެ ފެންވަރުމަތިކޮށްލުމަށެވެ. މާބޮޑު މަޖުބޫރުކަމެއް ނެތިއެވެ. ދަރަނިވެރިވުން މިވަނީ ފެޝަނަކަށްވެފައެވެ. އެއްވެސް ވަރަކަށް ކަންބޮޑުވުމެއްނެތި ކުރަމުން ގެންދާ ކަމަކަށްވެފައެވެ.
މާރުކޭޓަށް ދިއަ އަންހެނެކެވެ. އަތުގައި ފައިސާ އެވަގުތު ނެތުމުން ޢާއިލާގެ މީހެއްގެ ދުއްކާނުން 5 ދިރުހަމުގެ ބަރަބޯ ދަރަންޏަށް ގެންދިއައެވެ. ޖެހިގެން އައި ދުވަހު ގޮސް ދަރަނި އަދާކުރުމުން ދަރަނިދިން މީހާ ބުންޏެވެ. "ދައްތަ އެހެން ބޭނުމެއް ނެތި ހަމައެކަނި ދަރަނި އަދާކުރަން ހަމަ ތިއަ 5 ދިރުހަމް ހިފައިގެން އައީތީ ހިތާމަކުރަމެވެ."
ޖަވާބުގައި އޭނާ ބުންޏެވެ. "މިދަރަނި އޮތްކަން ދަރިންނަކަށް ނުއެނގޭނެއެވެ. ދަރަނި އަދާނުކޮށްހުއްޓާ މަރުވިނަމަ މި 5 ދިރުހަމް އަދާކުރާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ބިރުވެތިވެވުނީއެވެ."
މީސްތަކުންނޭވެ! ދަރަންޏަށް ބިރުވެތިވުން އޮތީ މިމިންވަރަށެވެ. ހިނދުކޮޅަކަށް ވެސް އަދާނުކޮށް މަޑުކުރަން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދަރަނިވެރިވުމަކީ ލާ އަގުބޮޑު ރީތިފޭރާމާ އުޅޭ އަގުބޮޑު ދިރިއުޅުމުގެ ރީތިކަން ގެއްލި ހުރިހާ ކަމެއް ނަޖިސްވެ ހަޑިމުޑުދާރުވާ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ